28 ސެޕްޓެމްބަރ 2018 - 15:57

ޖަކާޓާ (ސެޕްޓެމްބަރު 28) - އިންޑޮނީޝިއާ އަށް މިއަދު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައި ވަނީ މެދުތެރޭގެ ސުލަވޭސީ އައިލެންޑަށް އައި ބިންހެލުމުގެ ބާރު މިން ހުރީ ރިކްޓާ މިންގަނޑުން 7.5 ގައި ކަމަށެވެ. ބިންހެލުމުގެ އަސްލު ކުރީ ބިމުގެ 10 ކިލޯ މީޓަރު (ހަ މޭލު) އަޑީގަ އެވެ.
އިންޑޮނީޝިއާގެ ޑިޒާސްޓާ އެޖެންސީން ބުނެފައި ވަނީ ސުނާމީގެ އިންޒާރު ނެރެފައި ވަނީ ސުލަވޭސީގެ ހުޅަނގުގެ އައްސޭރީގެ ހިސާބުތަކަށާއި އެ ގައުމުގެ ބޯނިއޯ އިލެންޑުގެ އިރުމަތީގެ ހިސާބުތަކަށް ކަމަށެވެ. އެކަމަކު ފަހުން ވަނީ ސުނާމީގެ އިންޒާރު ކެންސަލްކޮށްފަ އެވެ.
އިންޑޮނީޝިއާގެ ލޮމްބޮކަށް މިދިޔަ އޮގަސްޓް މަހު ވަނީ ދެ ފަހަރެއްގެ މަތިން ބިންހެލުން އައިސްފަ އެވެ. އެ ބިންހެލުންތަކުގައި ވަނީ 460 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.