ދާއިމީ ނަތީޖާ ނިންމައިފިން، ބޮޑު ބަދަލެއް ނެތް: ހަބީބު
ދާއިމީ ނަތީޖާ ނިންމައިފިން، ބޮޑު ބަދަލެއް ނެތް: ހަބީބު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ މިހާރު ކަނޑައަޅާފައިވާ ކަމަށާއި ވަގުތީ ނަތީޖާއާ އަޅާ ބަލާއިރު މާ ބޮޑު ބަދަލެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާއިރު، ދާއިމީ ނަތީޖާ އިއުލާން ކުރުން ލަސްވެގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައި، އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާއިރު، އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ބާތިލް ކުރުމަށް ޕީޕީއެމުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރަމުން ދަނިކޮށް، ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން އިއްޔެ ބައްދަލުކުރައްވައި ދާއިމީ ނަތީޖާ ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ވަގުތީ ނަތީޖާއާ އަޅާ ބަލާއިރު ބޮޑު ބަދަލެއް ދާއިމީ ނަތީޖާއިން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ގާނޫނުގައިވާ ގޮތުން ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހެނީ އިންތިޚާބު ބޭއްވި ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި. އެ ދުވަސް ހަމަވާނީ އާދިއްތަ ދުވަހަށް،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކެންޑިޑޭޓަށް އެމީހުން ވޯޓު ދީ ކަނޑައަޅާފައިވާ އިލެކްޝަންސް ކޮމިޝަނުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ވެސް އަދާކޮށްފައިވާ ކަމަށެވެ.

ގިނައިރުތަކެއް ވަންދެން ކިޔޫގައި ތިބެ ވޯޓް ލާފައިވާތޯ ހަބީބު ވަނީ ދިވެހިންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔަ ނަމަވެސް އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުން ވެސް ވަނީ ބުނެފަ އެވެ.