28 ސެޕްޓެމްބަރ 2018 - 14:50

އޮޓާވާ (ސެޕްޓެމްބަރު 28) - މިއަންމާގެ ޑިމޮކްރެސީ ލީޑަރު އަން ސަން ސޫކީ އަށް ކެނެޑާ އިން ދީފައިވާ އޮނަރަރީ ސިޓިޒަންޝިޕް ބާތިލް ކުރަން އެ ގައުމުގެ ޕާލަމެންޓުގެ އިއްތިފާގުން ފާސްކޮށްފި އެވެ.
ކެނެޑާގެ ޕާލަމެންޓުން މި ގޮތަށް ފާސްކޮށްފައި ވަނީ މިއަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ އަނިޔާތައް ހުއްޓުވުމުގައި ސޫކީ ފެއިލްވެފައިވާތީ އެވެ. ކެނެޑާގެ ޕާލަމެންޓުގައި ވޯޓު ނަގާފައި ވަނީ ސޫކީ އަށް ދީފައިވާ ޝަރަފާ މެދު އަލުން ވިސްނުމަށް ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އެދިވަޑައިގެންފައި ވަނިކޮށެވެ.
ކެނެޑާގެ އޮނަރަރީ ސިޓިޒަންޝިޕް ސޫކީ އަށް ދީފައި ވަނީ 2007 ވަނަ އަހަރު އެވެ.
ސޫކީ އަށް 1991 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ދީފައި ވަނީ ސިފައިންގެ ބާރުގެ ދަށުގައި އޮތް މިއަންމާ އަށް ޑިމޮކްރެސީ ގެނައުމަށް ކުރި މަސައްކަތަށެވެ. މިއަންމާގެ މަދަނީ ސަރުކާރުގެ އެންމެ ބާރުގަދަ މަގާމު ކަމަށްވާ ސްޓޭޓް ކައުންސެލާގެ މަގާމު ސޫކީ އަށް ލިބިވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.
ރޮހިންޖާ މުސްލިމުންނަށް މިއަންމާ ސިފައިން މިދިޔަ އަހަރު އަނިޔާ ދެމުން ދިޔަ އިރު ސޫކީ ހިމޭނުން ހުންނެވުމުން ބައިނަލްއަގުވާމީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.