ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޒުވާން އެކްޓަރު ވިކީ ކޯޝަލް އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ އުންމީދީ އެއް އެކްޓަރެވެ. އަދި އޭނާ ހޯދަމުން އަންނަ ކާމިޔާބީ އާއި މަޝްހޫރު ޑައިރެކްޓަރުންގެ ފިލްމުތަކުން ވެސް ފުރުސަތުތައް އޮހެމުން އަންނާނީ ވިކީގެ ކެރިއަރު ފެންނަނީ ވަރަށް އުޖާލާކޮށެވެ.

މި އަހަރުގެ މިހާތަނަށް އޭނާގެ ހަތަރު ފިލްމެއް ބެލުންތެރިންނާ ހަމަށް އައިސްފައިވާ އިރު، އެއިން ކޮންމެ ފިލްމެއް ވެސް ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލެވެ. އެއީ ނެޓްފްލިކްސް އިން ގެނެސް ދިން އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" އާއި ރާޖްކުމާރް ހިރާނީގެ "ސަންޖޫ" އާއި މެގްނާ ގުލްޒާރުގެ "ރާޒީ" ގެ އިތުރުން އަނޫރާގް ކެޝަަޕްގެ "މަންމަރްޒިޔާ" އެވެ.

މި ފިލްމްތަކުގެ ތެރެއިން "ރާޒީ" އާއި "ސަންޖޫ" އަކީ އަހަރުގެ އެންމެ ބޮޑެތި ބްލޮކްބަސްޓާތަކެވެ.

ވިކީގެ ކުރިއަށް ހުރިި ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ޔުރީ" ގެ ޓީޒާ ޓްރެއިލާ މިހާރު ވަނީ ބެލުންތެރިންނަށް ދައްކާލައިފަ އެވެ. މި މިލިޓީ ޑްރާމާގައި އޭނާ ފެނިގެން ދާނީ އިންޑިއާގެ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

ރޮނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ޑައިރެކްޓްކޮށްފައިވާ "ޔުރީ" އަކީ އިންޑިއާ އާއި ޕާކިސްތާނާ ކަޝްމީރު މައްސަލާގައި 2016 ހިނގި ކުރިމަތިލުންތަކެއްގައި އިންޑިއާގެ 18 ވަރަކަށް ސިފައިން މަރުވެގެން ދިޔަ ހާދިސާ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ޖެނުއަރީ، 11، 2019 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ ފިލްމުގައި ވިކީއާ އެކު ބަތަލާގެ ރޯލުން ފެނިގެން ދާނީ މިހާރު ސިނަމާގައި އޮތް "ބައްތީ ގުލް މީޓަރު ޗާލޫ" ގައި ވަކީލެއްގެ ރޯލު ކުޅެފައިވާ ޔަމީ ގޯތަމް އެވެ.

ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2020 ގައި ރިލީޒް ކުރާ ކަރަން ޖޯހަރްގެ ތާރީހީ ފިލްމު "ތަހުތު" އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ފިލްމުގެ ސެޓެއްގައި އެކްޓަރު ނާނާ ޕަޓޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނެ ކުރީގެ ބަތަލާ ތަނުޝްރީ ދައްތާ ދެއްކި ވާހަކަތަކާ ގުޅިގެން، އޭނާ އަށް ދައުވާ ކުރާ ކަމަށް ނާނާ ބުނެފި އެވެ.

މިހާރު ސާޖިދު ހާންގެ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުން އަންނަ ނާނާ ބުނި ގޮތުގައި ތަނުޝްރީ ދައްކާފައު ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަދި އޭގެ ސަބަބުން އޭނާގެ އަބުރަށް ހުތުރުވެފައިވާ ކަމަށް ބުންޏެވެ.

ނާނާ ބުނި ގޮތުގައި 2009 ގެ ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއް ޝޫޓިން ތެރޭގައި ތަނުޝްރީގެ ގަޔަށް ޖިންސީ އެދުމުގައި އަތްލައި، ގައިގޯޅި ސްޓެޕްތަކެއް ޖައްސަން އުޅުނު ކަމަށް ބުނާ ވާހަކައަކީ ހަދައިގެން ދައްކާ ތާކުންކުރެ ތާކު ނުޖެހޭ ވާހަކަ އެވެ. އޭނާ ބުނި ގޮތުގައި އެ ލަވައިގެ މަސައްކަތް ކުރަމުން ދިޔަ އިރު، ސެޓްގައި 200 ވަރަކަަށް މީހުން ތިއްބެވެ. އެހެންވެ އެހާ ގިބައެއްގެ ކުރިމަތީގައި އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރެވިދާނެތޯ ނާނާ ވަނީ ސުވާލު ވެސް އުފައްދައިދަ އެވެ.

ތަނުޝްރީ އަށް ތަޖުރިބާ ކުރަން ޖެހުނު ހާދިސާގެ ވާހަކަ ކިޔައި ދިނުމުން ބޮލީވުޑްގެ ބައެއް ތަރިން އޭނާ އަށް ތާއީދުކޮށްފަ އެވެ. އޭގެ ތެރޭގައި ސޯނަމް ކަޕޫރް، ސްވަރާ ބާސްކަރް، ފަރްހާން އަހްތަރު އަދި ޕްރިޔަންކާ ޗޯޕްޅާ އާއި ބޫމީ ޕެޑްނޭކަރް ހިމެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރާ ފިލްމު "ތަގްސް އިފް ހިންދުސްތާން" އަކީ ކުރިން ލިޔެފައިވާ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ފިލްމެއް ނޫން ކަމަށް ޑައިރެކްޓަރު ވިޖޭ ކްރިޝްނާ (އަޗަރިއާ) ވިކްޓާ ބުނެފި އެވެ.

ކުރިން އަޑުތައް އަރާފައިވާ ގޮތުން މި ފިލްމަކީ ފިލިޕް މެޑޯ ޓޭލާ 1839 ގައި ނެރުނު ހިޔާލީ ވާހަކަ "ކޮންފެޝަންސް އޮފް އަ ތަގް" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ ކަނޑުފޭރުމުގެ ތެރޭގައި އިންޑިއާގެ ބަޔަކާއި އިނގިރޭސީންނާ ދެމެދު ހިނގާ ކަންތައްތަކެވެ.

ނަމަވެސް "ތަގްސް އޮފް ހިންދުސްތާން" ގެ ޓްރެއިލާ ދައްކައިލަން ބޭއްވި ހަފުލާގައި ވިކްޓާ ބުނީ "ކޮންފެޝަންސް އޮފް އަ ތަގް" އާއި އޭނާގެ ފިލްމާ ބައެއް މީހުން ގުޅުވާފައި ނަމުގައި "ތަގް" އެކުލެވޭތީ ކަމަށް ވެދާނެ އެވެ. ނަމަވެސް ފިލިޕްގެ ވާހަކަ އާއި "ތަގްސް އޮފް ހިންދުސްތާން" އާ ގުޅުމެއް ނުހުންނާނެ ކަމަށް ބުންޏެވެ.

މި ފިލްމުގެ ކާސްޓުންނަކީ އަމީތާބް ބައްޗަން، އާމިރް ހާން، ކެޓްރީނާ ކެއިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.