29 ސެޕްޓެމްބަރ 2018 - 06:57

ކުރިން އަޑު އަރާފައި އޮތް ގޮތުން އަންނަ މަހު ދައްކަން ފަށާ ކަރަން ޖޯހަރްގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަން ހައެއްގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނުންނަށް ވެގެން ދާނީ މިދިޔަ މަހު އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރި ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސް އެވެ.
އޭގެ ފަހުން ދެން އަޑުތައް އެރީ ޝޯ ހުޅުވައިދޭ އެޕިސޯޑުން ފެނިގެން ދާނީ އަރްޖުން ކަޕޫރާއި އޭނާގެ އެއްބަފާ ކޮއްކޮ ޖާންވީ ކަޕޫރް ކަމަށެވެ.
އެކަމަކު އެ ހުރިހާ ވާހަކަތަކަކީ ހޮޅި ވާހަކަތަކެއްކަން ކަށަވަރުކޮށްދެމުން ކަރަން ވަނީ ސީޒަން ހައެއްގެ ފުރަތަމަ މެހުމާނުންނަކީ ކޮބައިކަން ހާމަކޮށްފަ އެވެ. އޭނާ ކުރި ޓްވީޓެއްގައި ބުނީ އެއީ ދީޕިކާ ޕަދްކޯނާއި އާލިއާ ބަޓް ކަމަށެވެ.
މި ދެ ތަރިން އެކީގައި ޝޯ އަށް އައުމަކީ ޔަގީނުން ވެސް ވަރަށް ޝައުގުވެރި ކަމަކަށް ވާނެ އެވެ. ސަބަބަކީ މިއީ ކަރަންގެ ފެވަރިޓް އެކްޓަރު ކަމަށްވާ ރަންބީރު ކަޕޫރްގެ ކުރި އާއި މިހާރުގެ ލޯބިވެރިންނަށްވުމެވެ.
ބޮލީވުޑްގައި މިހާރު ތިބި ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ މަގުބޫލު ތަރިންގެ ތެރޭގައި ހިމެނޭ ދީޕިކާއަކީ ރަންބީރު ފުރަތަމަ ފަހަރަށް އެންމެ ސީރިއަސްކޮށް ރައްޓެހިވި ބަތަލާ އެވެ.
ފަހުން ރަންބީރް، ކެޓްރީނާ ކެއިފާއި ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު، މިހާރު ލޯބީގެ ގޮތުން ގުޅިފައި ވަނީ މި ވަގުތު ބޮލީވުޑްގައި ތިބި އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ އާލިއާއާ އެވެ.
ޔަގީނުން ވެސް ރަންބީރުގެ އެހާރާއި މިހާރު ޝޯ އަށް ގެނައުމަށް ފަހު، ރަންބީރްގެ ވާހަކަތައް އާލިއާ އާއި ދީޕިކާ ލައްވައި ކަރަން ދައްކުވާނެ އެވެ. ފުރަތަމަ އެޕިސޯޑަށް އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ މައިގަނޑު ސަބަބަކަށް ވެސް މިކަން ވެގެން ދާނެ އެވެ. އަނެއްކޮޅުން މިހާރު ހަބަރުތައް ބުނާ ގޮތުން ރަންބީރާ އާއި އާލިއާ އަންނަނީ 2020 ގައި ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ.
އެހެންވެ މިއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ވެސް މި ފަހަރު ސާފުވެގެން ދާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އަދި ދީޕިކާ އާއި ރަންވީރް ސިންގް ވެސް ނޮވެމްބަރު ކައިވެނި ކުރާނެ ކަމަށް އަޑުތައް ފެތުރިފައިވާތީ މިކަން ވެސް ދީޕިކާގެ ފަރާތުން ކަރަން ފޭނުންނަށް ސާފުކޮށް ދޭނެ ކަމަށް އުންމީދު ކުރެވެ އެވެ.
ސްޓާ ވޯލްޑް އިން ގެނެސްދޭ "ކޮފީ ވިތު ކަރަން" ގެ ސީޒަން ހައެއް ދައްކަން ފަށާނީ އަންނަ މަހުގެ 21 އިން ފެށިގެންނެވެ.
ކަރަންގެ މި ކާމިޔާބު ޗެޓް ޝޯގެ އެންމެ ފަހުގެ ސީޒަން ބެލުންތެރިންނަށް ގެނެސް ދިނީ 2016 ގަ އެވެ.