28 ސެޕްޓެމްބަރ 2018 - 13:52

ޕީޕީއެމްގެ ކުރިމަގު ކަނޑައަޅައި، އެ ޕާޓީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް މިއަދު ފަށާ ގައުމީ ޖަލްސާ ނުވަތަ ކޮންގްރެސް މީޑިއާއަށް ސިއްރުކޮށްގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޕީޕިއެމްގެ ފަރާތުން ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ، މިއަދު މެންދުރު 2:00 ގައި ފަށާ ކޮންގްރެސްއަށް މީޑިއާ ނުވައްދަން ނިންމީ، ބައެއް ކަހަލަ އިންތިޒާމުތަކަށް ވަގުތު ނެތުމާއި އަވަސް އަވަހަށް ކަންކަން ގެންދަން ޖެހުމުން ކަމަށެވެ. އެހެންވެ، ކޮންގްރެސް ފަށާ ޖަލްސާ އާއި އިންތިޚާބުތައް ބާއްވާއިރު މީޑިއާ ނުވައްދަ އެވެ. އެކަމަކު، އެ ހުރިހާ ކަމެއް ނިމި، ކޮންގްރެސް ނިންމުމަށްޓަކައި މިރޭ ބާއްވާ ޖަލްސާއަށް މީޑިއާ ވައްދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މުޅި ޖަލްސާ ޗެނަލް 13 އިން ވީޑިއޯ ކުރާނެ. އަދި ފަހުން އޭގެ ރެކޯޑިން އެ ޗެނަލުން ގެނެސްދޭނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސާއި ނައިބު ރައީސުން އިންތިޚާބު ކުރުން އޮންނާނެ އެވެ. އަދި ޕީޕީއެމްގެ ކައުންސިލަށް ބޭފުޅުން އިންތިޚާބުކޮށް، ޕާޓީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު ވެސް އިސްލާހު ކުރާނެ ކަމަށް ޕީޕީއެމުން ބުނެ އެވެ.
ޕީޕީއެމްގެ ކޮންގްރެސް ބާއްވާއިރު، އެކަން ކުރަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ބުނެ، ކޮންގްރެސް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް، ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން އިއްޔެ ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އެ އަމުރާ މެދު މިހާތަނަށް ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
އަމުރަކަށް އެދިވަޑައިގެން ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ ހިންގުން ޕާޓީގެ މުޝްތަޝާރާ [ރައީސް ޔާމީން] ހަވާލުކުރީ އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެހެންވެ، ސައްހަ ނޫން ކައުންސިލެއް އޮއްވައި އެ ކައުންސިލުން ބާއްވާ ކޮންގްރެެސް ވާނީ އަސާސީ ގަވާއިދާ ހިލާފު ކޮންގްރެންސް އަކަށް ކަމަށް ވިދާޅުވި އެވެ. އަދި ކޮންގްރެސް ބާއްވައިފި ނަމަ ޕާޓީގެ އާއްމު މެމްބަރުންނަށް އިޔާދަ ނުކުރެވޭ ވަރަށް ގެއްލުން ލިބޭނެ ކަމަށް ޔުމްނާ ވިދާޅުވެފައިވެ އެވެ.
ކޮންގްރެސް ހުއްޓުވައި ދިނުމަށް މައުމޫންގެ ފަރާތްޕުޅުން ވަނީ އިލެކްޝަންސް ކޮމިޝަންގައި ވެސް އެދިފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެފައި ވަނީ، އެ ޕާޓީގައި މިހާރު ތިއްބެވި ލީޑަޝިޕްގެ އަތުން، ޕާޓީ އަތުލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.
ނިހާން ވިދާޅުވެފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ޕީޕީއެމް ހޯދަން ކޮންމެ ތަނަކަށް ވަޑައިގަތަސް، އެ މީހުންނާ ޗެލެންޖް ކުރައްވަން ޕީޕީއެމްގެ ލީޑަޝިޕް އޮތީ ތައްޔާރަށެވެ. އަދި "އަޅުގަނޑުމެން އަތުން ޕީޕީއެމް އެ ގޮތަށް ގެންދެވޭނެ އެއްވެސް ހަމައެއް އެ ބޭފުޅުންނަށް ނޯންނާނެ" ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކުރީގެ ރައީސް އަދި ޖަލު ހުކުމެއްގައި މިހާރު ހުންނެވި މައުމޫނާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަން ދެން ޕާޓީ ހިންގުމުގެ އެންމެހައި ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މުޝްތަޝާރު ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ނިންމުމަށް ފަހު، ޕީޕީއެމްގެ ކައުންސިލުން ވަނީ އެ ޕާޓީގެ ހުރިހާ ޒިންމާތަކެއް ރައީސް ޔާމީނާ ހަވާލު ކޮށްފަ އެވެ.