28 ސެޕްޓެމްބަރ 2018 - 12:28

ޕޮންޕެއި (ސެޕްޓެމްބަރު 28) - މައިކްރޮނީޝިއާގެ ޗޫކް އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އިން ނައްޓާލި ޕަސިންޖާ މަތިންދާ ބޯޓެއް ފަޅުތެރެއަށް ވެއްޓުނު ނަމަވެސް އެ ބޯޓުން ދަތުރު މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި އެންމެން ސަލާމަތް ވެއްޖެ އެވެ.

އެ ބޯޓުން 35 ޕަސިންޖަރުންނާއި 12 ކްރޫން ދަތުރު ކުރި އެވެ. ޕަޕުއާ ނިއު ގިނީގެ ގައުމީ އެއާލައިން، އެއާ ނިއުގިނީގެ މަތިންދާ ބޯޓު ތިލަ ފަޅުތެރޭގައި އޮތް މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ފަޅުތެރެއަށް ބޯޓު ވެއްޓެން ދިމާވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.

"ބޯޓު ވެއްޓިފައި ވަނީ ރަންވޭގެ 160 ޔާޑު ދުރަށް،" އެއާޕޯޓް މެނޭޖަރު ޖިމީ އިމިލޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮއިން 737-800 މަތިންދާ ބޯޓުން ދަތުރު ކުރި އެންމެން ހޮސްޕިޓަލަށް ގެންގޮސް މެޑިކަލް އެގްޒަމިނޭޝަން ހަދާފައިވާ ކަމަށެވެ. އަދި ވަރަށް ކުދި އަނިޔާ ފިޔަވައި އިތުރު ގެއްލުމެއް އެކަކަށް ވެސް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޅަށް ވެއްޓުނު ބޯޓު ދަތުރު ކުރަން ހަމަޖެހިފައި ވަނީ މައިކްރޮނީޝިއާގެ ޕޮންޕެއި އައިލެންޑުން ޕަޕުއާ ނިއު ގިނީގެ ވެރިރަށް ޕޯޓް މޮރެސްބީ އަށެވެ. ދަތުރުގައި މައިކްރޮނީޝިއާގެ ވެނޯ އައިލެންޑްގައި ޓްރާންސިޓް ކުރަން އޮތީ ހަމަޖެހިފަ އެވެ.
