އިންޓަގެ އާ ކޯޗަކަށް ޑި ބޮއާ ހަމަޖައްސައިފި
އިންޓަގެ އާ ކޯޗަކަށް ޑި ބޮއާ ހަމަޖައްސައިފި

މިލާން (އޮގަސްޓް 9) - އިންޓަގެ އާ ކޯޗަކަށް އަޔަކްސްގެ ކުރީގެ ކޯޗު ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާ ހަމަޖައްސައިފި އެވެ.

އިންޓަ އިން އާ ކޯޗެއް ހަމަޖެއްސީ އެ ޓީމުގެ ކޯޗުކަމުން ރޮބާޓޯ މަންޗިނީ އިއްޔެ ވަކިކުރުމަށް ފަހު އެވެ.

ޑި ބޮއާ ވަނީ އަޔަކްސް އަށް ނެދަލެންޑްސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްދީފަ އެވެ. އެކަމަކު މިދިޔަ ސީޒަނުގެ، ލީގު ގެއްލުމުން އޭނާ ވަނީ މަގާމުން ވަކިވެފަ އެވެ. އޭނާ ވަނީ ނެދަލެންޑްސް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް 2008 އިން 2010 އިން މަސައްކަތްކޮށްފަ އެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1990 އިން 2004 ވަނަ އަހަރުގެ ނިޔަލަށް ކުޅުނު ޑި ބޮއާ ވަނީ ކްލަބް ކެރިއަރުގައި ނެދަލެންޑްސްގެ އަޔަކްސް އާއި ސްޕެއިނުގެ ބާސެލޯނާ އަށް ކުޅެފަ އެވެ.

މަންޗިނީ މަގާމުން ވަކިކުރި އިންޓަގެ ވެރިންނާއި އޭނާއާ މެދު މައްސަލަތަކެއް ޖެހިފައިވަނިކޮށެވެ. މަންޗިނީ ހިތްހަމަނުޖެހުނީ ޓީމު ވަރުގަދަކުރުމަށް ތަޖުރިބާކާރު ކުޅުންތެރިން ނުގެންނާތީ އެވެ. ކްލަބާ އަލަށް ހަވާލުވި ޗައިނާގެ ސުނިން ގްރޫޕުން ވެސް ބޭނުންވަނީ ޒުވާން ހުނަރުވެރި ކުޅުންތެރިން ގެނެސް މުސްތަގުބަލަށް ޓީމެއް ބިނާކުރާށެވެ.

މަންޗިނީ ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިންޓަގެ ރައީސް އެރިކް ތޯހިރުއާ ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް އެ މައްސަލަ އަށް ހައްލެއް ނުލިބި ވަނިކޮށް ޕްރެކްޓިސް މެޗަކުން ޓޮޓެންހަމް އަތުން 6-1 އިން އިންޓަ ބަލިވުމުން މައްސަލަ އިތުރަށް ގޯސްވީ އެވެ.