29 ސެޕްޓެމްބަރ 2018 - 11:16

ބެއިޖިން (ސެޕްޓެމްބަރު 29) - ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސްރީ ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އަދިވެސް އެހީވަމުން ގެންދާނެ ކަމަށް ޗައިނާގެ ޑިޕްލޮމެޓަކު ވިދާޅުވެއްޖެ އެވެ.
ބެއިޖިން އިން ކޮލަމްބޯ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޗެންގް ޒުއެޔުއަން ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތެރޭ ސްރީ ލަންކާ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑުތަން ރަނގަޅުވެފައިވާ ކަމަށެވެ.
ޗައިނާގެ އެހީގައި ލަންކާގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ކަނޑު ހިއްކައިގެން ތަރައްގީ ކުރާ ކޮލަމްބޯ ޕޯޓް ސިޓީ އެވެ. މީގެ އިތުރުން ހަމްބަންޓޯޓާ ބަނދަރުގެ މަސައްކަތާއި މޮރަގަހަކަންޑާ ރިޒަވޮޔާ އާއި ސަދަން ރޭލްވޭ އެކްސްޓެންޝަން މަސައްކަތް ފާހަގަ ކުރެވެ އެވެ.
ސަފީރު ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާ އާއި ލަންކާގެ ޓޫރިޒަމްގެ ގުޅުން ވެސް ވަރަށް ބޮޑުތަން ކުރިއަރާފައިވާ ކަމަށެވެ. ލަންކާ އަށް ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ މަންޒިލަކީ ޗައިނާކަން ސަފީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރަސްމީ ހިސާބުތައް ދައްކާ ގޮތުން ޗައިނާގެ 260،000 ޓޫރިސްޓުން މިދިޔަ އަހަރު ލަންކާ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެ އަދަދު މި އަހަރު ތިން ލައްކަ އަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޗައިނާ އަށް ދަތުރު ކުރާ ލަންކާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.