28 ސެޕްޓެމްބަރ 2018 - 15:25

ޑާބަން (ސެޕްޓެމްބަރު 28) - ސައުތު އެފްރިކާގެ ސިޓީއެއް ކަމަށްވާ ޑާބަންގެ މައި އެއާޕޯޓުގައި މެންގޯ އެއާލައިންސްގެ ބޯޓެއްގެ އިންޖީނުގައި އާދަޔާޚިލާފަށް ކުޅަނދުރު ގިނަވުމުން އެތައް ފްލައިޓެއް ޑިލޭ ކުރަން ޖެހިއްޖެ އެވެ.
ބަޖެޓް އެއާލައިނުން އެންމެ ފަހުން ޖެހުނީ ކުޅަނދުރާ ބެހޭ ޚާއްސަ ތަޖްރިބާކާރަކު ގެނެސްގެން ކުޅަނދުރުތައް އިންޖީނުން ނެރޭށެވެ. ގާތްގަނޑަކަށް 20،000 އަށް ވުރެ ގިނަ ކުޅަނދުރު އިންޖީނުން ނެރުނު ކަމަށްވެ އެވެ.
ބޯޓުގެ އިންޖީނަށް އެހާ ގިނަ އަދަދެއްގެ ކުޅަނދުރު ވަދެފައި ވަނީ ގާތްގަނޑަކަށް 15 ވަރަކަށް މިނިޓްތެރޭ ކަމަށްވެ އެވެ.
މެންގޯ އެއާލައިންސްގެ ތަރުޖަމާނަކު ބުނީ އޭވިއޭޝަން އިންޑަސްޓްރީގައި އޭނާ މަސައްކަތް ކުރި އަށް އަހަރު ދުވަހު ތެރޭ އެވަރުގެ ކަމަކާ ދިމާނުވާ ކަމަށެވެ.
މަތިންދާ ބޯޓެއްގެ އިންޖީނުގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ ކުޅަނދުރު ވަދެ ތިބުމަކީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.