ނަވާޒް ޝަރީފް ގެންގުޅުއްވި ގެރިތައް ވެސް ނީލަން ކިޔައިފި
ނަވާޒް ޝަރީފް ގެންގުޅުއްވި ގެރިތައް ވެސް ނީލަން ކިޔައިފި

އިސްލާމްއާބާދު (ސެޕްޓެމްބަރު 28) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ގެންގުޅުއްވި ގެރިތައް ވެސް އިމްރާން ޚާންގެ ސަރުކާރުން ނީލަން ކިޔައިފި އެވެ.

އަގު ބޮޑު އަށް ގެރިއެއް އިއްޔެ ވިއްކާލާފައި ވަނީ ދަރަނިވެރިވަމުންދާ ޕާކިސްތާނުގެ ބަޖެޓަށް ފައިސާ ހޯދަން ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ނީލަން ކީ ގެރިތައް ގެންގުޅެފައި ވަނީ ބޮޑު ވަޒީރުގެ ގެކޮޅުގެ ހުސް ބިމުގަ އެވެ. ނަވާޒް ޝަރީފާއި އާއިލާގެ ބޭފުޅުން ބޭނުން ކުރެއްވީ އެ ގެރިތަކުން ފެލާ ކިރު ކަމަށްވެ އެވެ. ނަމަވެސް އިމްރާން ޚާން ނިންމެވީ ފައިސާ ހޯދަން އެ ގެރިތައް ވިއްކާލާށެވެ. ގެރިތައް ވިއްކާލައިގެން ވަނީ 19،000 ޑޮލަރު ލިބިފަ އެވެ.

ގެރިތައް ގަންނަން ޝައުގުވެރިވީ ނަވާޒް ޝަރީފުގެ ސަޕޯޓަރުންނެވެ. ހަސަން ލަތީފް ކިޔާ މީހަކު ވަނީ 2،500 ޑޮލަރު ދީފައި އެންމެ ގެރިއެއް ގަނެފަ އެވެ. މިހާރު ވެސް ގެރި ގެންގުޅޭ ލަތީފް ބުނީ ފުރުސަތު ލިބޭ ދުވަހަކުން އެ ގެރި ނަވާޒް ޝަރީފަށް ހަދިޔާ ކުރާނެ ކަމަށެވެ. ބައެއް ގެރި ވަނީ 3،100 ޑޮލަރަށް ވެސް ވިއްކާލައިފަ އެވެ.

ކޮރަޕްޝަން ނައްތާލުމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި އިމްރާން ޚާން އުޅުއްވާ ގޮތުން ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެއް ކަމަކަށް ޓްރެފިކްގައި ނުޖެހެން، ނުވަ މޭލުގެ ދަތުރަކަށް ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ އެތައް ބައެއްގެ ނުރުހުން ވަނީ އަމާޒުވެފަ އެވެ.

ޚަރަދު ކުޑަކުރަން ކަމަށް ބުނެ ބޮޑު ވަޒީރު ބޭނުން ކުރެއްވި ގިނަ އަދަދެއްގެ ވެހިކަލް ވެސް މިދިޔަ ހަފުތާގައި ވަނީ ނީލަން ކިޔައިފަ އެވެ. ބޮޑު ވަޒީރުގެ އޮފީހުގެ 100 އަށް ވުރެ ގިނަ ވެހިކަލް ނީލަމުގައި ވިއްކައިގެން ބަޖެޓަށް 200 މިލިއަން ރުޕީސް (1.6 މިލިއަން ޑޮލަރު) ލިބުނު ކަމަށް ސަރުކާރުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އިމްރާން ޚާން ވަނީ ބޮޑު ވަޒީރުގެ ރަސްމީ ގޭގައި ނޫޅުއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.