28 ސެޕްޓެމްބަރ 2018 - 10:57

ޕެރިސް (ސެޕްޓެމްބަރު 28) - ގަދަ ކަނޑެއްގައި ޖެހި ޔޮޓުގެ ކުނބު ބިނދި އަނިޔާވެ، އިންޑިއާ ކަނޑުގެ ގަދަ ރާޅުތަކުގެ ތެރޭގައި ހާލުގައި ޖެހިފައި ވަނިކޮށް ސަލާމަތްކުރި އިންޑިއާގެ އަބިލޭޝް ޓޮމީ ބުނީ އޭނާ ސަލާމަތްވީ ކަނޑު ދަތުރު ކުރުމުގައި އޭނާ އަށް ލިބިފައިވާ ހުނަރާއި ކަނޑުގެ ސިފައިންގެ ތަމްރީނުތައް ހަދާފއިވާތީ ކަމަށެވެ.

ދުނިޔޭ ވަށާ ބުރު ޖެހުމުގެ ރޭހަކަށް ނުކުތް ޓޮމީ ހާލުގައި ޖެހުނީ ވެސްޓަން އޮސްޓްރޭލިއާގެ 3،200 ކިލޯ މީޓަރު (2،000 މޭލު) ބޭރުންނެވެ. ވަރަށް ހާލުން ޓޮމީ ކުރި މެސެޖެއްގައި ބުނެފައި ވަނީ އޭނާގެ އުނަގަނޑަށް ތަދުވާވަރުން ހަރަކާތް ހުއްޓިފައިވާ ކަމަށެވެ. އަދި އެއްވެސް އެއްޗެއް ނުކުވޭ ކަމަށް ވެސް ބުނެފައިވެ އެވެ. ގާތްގަނޑަކަށް 70 މޭލުގައި ވައި ޖެހެމުން ދިޔަ ތޫފާނުގައި 45 ފޫޓުގެ ބިޔަ ރާޅު ނެގި އެވެ. ގޯލްޑަން ގްލޯބް ޔޮޓް ރޭހަށް ނުކުތް ގިނަ ބައިވެރިން ވަނީ ކަނޑުގަދަވުމުން ރޭހުން ވަކިވެފަ އެވެ.
ޓޮމީގެ ފަރާތުން އިންޑިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކަނޑު އާދަޔާޚިލާފަށް ގަދަ ކަމަށާއި ރާޅާ ތަޅަމުން ދިޔައިރު ސަލާމަތްވީ ކަނޑުދަތުރު ކުރުމުގައި ލިބިފައި ހުރި ހުނަރުވެރި ކަމާއި ކަނޑުގެ ސިފައިންގެ ތެރޭގައި އުޅުނު އިރު ހެދި ކަނޑުމަތީގެ ތަމްރީނުތަކުގެ ސަބަބުން ކަމަށެވެ.
ޓޮމީ އަށް މިހާރު ދަނީ ފްރާންސްގެ އެމްސްޓެޑަމް އައިލެންޑްގައި ފަރުވާ ދެމުންނެވެ. އުނަގަނޑަށް ފަރުވާ ހޯދުމަށް ޓޮމީ ދެން ބަދަލު ކުރާނީ އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ އުޅަނދަކަށެވެ.
އުމުރުން 39 އަހަރުގެ އިންޑިއާ ނޭވީގެ ކުރީގެ ކޮމާންޑަރު ކޮމިއުނިކޭޓް ކުރަމުން ދިޔައީ ޓެކްސްޓް ޔުނިޓެއް މެދުވެރިކޮށެވެ. އޭނާގެ ސެޓެލައިޓް ފޯނު ވެސް ވަނީ ހަލާކުވެފަ އެވެ. ޓޮމީގެ އިމަޖެންސީ ދަބަހުގައި އިތުރު ސެޓެލައިޓް ފޯނެއް ވެސް އޮވެ އެވެ. އެކަމަކު އެ ދަބަހާ ހަމައަށް އޭނާ އަށް ދެވޭ ވަރެއް ނުވި އެވެ.
ޓޮމީ ސަލާމަތް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާގެ ޔޮޓް ކައިރިއަށް ފުރަތަމަ ދިޔައީ ފްރާންސްގެ ފިޝިން ޕެޓްރޯލް ބޯޓެކެވެ.
ޓޮމީ ވަނީ 2013 ވަނަ އަހަރު ދުނިޔެ ވަށާ ބުރު ޖަހައިފަ އެވެ. އޭނާ އަކީ ދުނިޔެ ވަށައި ބުރު ޖެހި އިންޑިއާގެ ފުރަތަމަ މީހާ ވެސް މެ އެވެ.