އެއާޕޯޓުގައި މަތިންދާ ބޯޓު ފަހަތުން ދުވި މީހަކު ހައްޔަރުކޮށްފި
އެއާޕޯޓުގައި މަތިންދާ ބޯޓު ފަހަތުން ދުވި މީހަކު ހައްޔަރުކޮށްފި

ޑަބްލިން (ސެޕްޓެމްބަރު 27) - ޑަބްލިން އެއާޕޯޓުގެ ޓާމިނަލުން ނުކުމެ އެއާޕޯޓުން ނައްޓާލަން ދިޔަ މަތިންދާ ބޯޓުގެ ފަހަތުން ދުވި މީހަކު ހައްޔަރު ކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ޕެޓްރިކް ކެހޮއި ނަމަކަށް ކިޔާ މީހާ ވަނީ ރަޔަންއެއާގެ މަތިންދާ ބޯޓު ޓެކްސީ ކުރަނިކޮށް ބޯޓުގެ ފަހަތުން ދުވެ ބޯޓު މަޑު ކުރަން އެދި ޕައިލެޓަށް ގޮވައިފަ އެވެ.

ގްރައުންޑް ކްރޫއަކު ބުނީ ޓާމިނަލުން ނުކުމެގެން އޭނާ ދުވެފައި ދިޔައީ އެމްސްޓެޑަމަށް ބޯޓު ނައްްޓާލަން ދަނިކޮށް ކަމަށެވެ. އެއާޕޯޓް ފުލުހުން ދިއުމުގެ ކުރިން ޓާމެކްގައި ތިބި ސްޓާފުން ވަނީ އެ މީހާ ހުއްޓުވައިފަ އެވެ. އޭނާ މިއަދު ކޯޓަށް ހާޒިރު ކުރުމުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނޮވެމްބަރު 8 ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރާނެ އެވެ.

އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްސްޓެޑަމަށް ފުރަން ހަމަޖެހިފައި އޮތް ރަޔަންއެއާގެ ބޯޓުގެ ޗެކިން ކްލޯޒް ކުރި އިރު އަންހެނަކާއި ފިރިހެން ޕަސިންޖަރަކު ގަޑިއަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މީހުން ބޯޑިން ގޭޓަށް ދިޔައީ ފްލައިޓް ވެސް ކްލޯޒް ކުރި ފަހުން ކަމަށް ބުންޏެވެ.

"ބޯޑިން ގޭޓުގެ ސްޓާފުންނާ ޒުވާބު ކުރުމަށް ފަހު ފިރިހެން ޕަސިންޖަރު ވަނީ ޓާމިނަލުން ނުކުމެ ބޯޓާ ދިމާލަށް ދުއްވައިގެންފައި،" އެއާލައިނުގެ ބަޔާނުގައި ބުނެފައިވެ އެވެ.