28 ސެޕްޓެމްބަރ 2018 - 12:40

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 28) - ޔޫރަޕްގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް 2024 ވަނަ އަހަރު ބޭއްވުމުގެ ފުރުސަތު ޖަރުމަނަށް ލިބިއްޖެ އެވެ.
މިއީ 1988 ވަަނަ އަހަރަށް ފަހު ޖަރުމަނުގައި ޔޫރޯ ބާއްވާ ފުރަތަަަމަ ފަހަރެވެ. އެންމެ ފަހުން ޖަރުމަނުގައި ބޭއްވި ބައިނަލްއަގްވާމީ ބޮޑު ފުޓްބޯޅަ މުބާރާތަކީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މި ފަހަރުގެ ބިޑް ކާމިޔާބުކުރީ ތުރުކީއާ ވާދަކޮށްގެންނެވެ.
އިއްޔެ އޮތް ޔުއެފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސެންޑާ ކެފެރިން ވިދާޅުވީ ތުރުކީ އާއި ޖަރުމަނުން ހުށަހަޅާފައިވަނީ ވަރަށް ރަނގަޅު ބިޑްތަކެއް ކަމަށާއި އެހެންކަމުން ނިންމުން ނިންމަން އުނދަގޫވި ކަމަށެވެ.
ޔުއެފާ އިން މީގެ ކުރިން ވަނީ ތުރުކީގެ ބިޑު ރަނގަޅު ނަމަވެސް އެ ގައުމުގައި މުބާރާތް ބޭއްވުމުގައި ރިސްކުތަކެއް އެބަހުރި ކަމަށް ބުނެފަ އެވެ. އެއީ ތުރުކީގެ ހޮޓެލްތަކާއި ސްޓޭޑިއަމް ކޮލިޓީ އާއި ޓްރާންސްޕޯޓް ހަމަޖެއްސުމުގައި ހުރި ދަތިތަކެއްގެ ސަބަބުންނެވެ. ތުރުކީގައި މިހާތަނަށް ފުޓްބޯޅައިގެ ރަސްމީ މުބާރާތެއް ބާއްވާފައެއް ނުވެ އެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުގާން ދާދި ފަހުން ވިދާޅުވީ އެ ގައުމަށް ޔޫރޯ ބޭއްވުމުގެ ފުރުސަތު ނުދޭން ފުޓްބޯޅައިގެ މަޝްހޫރު ގިނަ ގައުމުތަކުން ބޭނުންވާނެ ކަމަށެވެ. އެއީ ފުޓްބޯޅައިގައި ކުރިއަށްދާން މަސައްކަތްކުރަމުން އަންނަ ގައުމުތަކަށް އޮތް ބޮޑު ހުރަހެއްގެ ގޮތުގައި އުރުދުގާން ސިފަކުރެއްވި އެވެ.
ޖަރުމަނުގައި 2024 ވަނަ އަހަރު ބާއްވާ ޔޫރޯގައި 24 ޓީމު ވާދަކުރާނެ އެވެ. ފަންސާސް އެއް މެޗު ކުޅޭ މި މުބާރާތް 32 ދުވަސް ވަންދެން ކުރިއަށްދާނެ އެވެ.
ޖަރުމަނުގެ އެމްބެސަޑަރު އަދި ކުރީގެ ކުޅުންތެރިއާ ފިލިޕް ލާމް ބުނީ މިއީ ޖަރުމަނުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބިގެންދާނެ ބޮޑު އުފަލެއް ކަމަށެވެ.
"އަހަރެމެން މުޅި ޔޫރަޕަށް ފުޓްބޯޅައިގެ ބޮޑު ޕާޓީއެއް ބާއްވައިދޭނަން. މިއީ އެންމެ ފުރިހަމަ މުބާރާތަށް ހަދައިދޭން ވަރަށް މަސައްކަތްކުރާނަން،" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުގެ ކެޕްޓަންކަން ކުރި ލާމް ބުންޏެވެ.
ޔުއެފާ އިން 2020 ވަނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވާނީ ތަފާތު ގައުމުތަކުގަ އެވެ. އެއީ މުބާރާތުގެ މަގުބޫލުކަން އިތުރުކުރުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އަދި އެކި ގައުމުތަކުގެ ސަޕޯޓަރުންނަށް ފަސޭހައިން މެޗު ބަލާލުމުގެ ފުރުސަތު ދިނުމަށާއި މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުންނެވެ.