27 ސެޕްޓެމްބަރ 2018 - 20:22

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ހުށަހެޅުމުން މި ވަގުތަށް މަޑުޖައްސާލަން، ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު އެދިވަޑައިގެންފި އެވެ.
ޖޭއެސްސީން އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހުށަހެޅީ، ފަނޑިޔާރުންގެ މުސާރަތަކަކީ 2010 ވަނަ އަހަރުގެ އޮގަސްޓް މަހުން ދެމުން އަންނަ މުސާރަތަކެއް ކަމަށާއި އަދި އޭގެ ފަހުން ރިވިއުކޮށްނުވާ މުސާރަތަކެއް ކަމެއް ބުނެ އެވެ. އަދި އެ މުސާރައަކީ މިހާރު ދިރިއުޅުމުގެ ހަރަދުތަކާއި އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށް ވުރެ ކުޑަ އަދަދެއް ކަމަށް އެ ކޮމިޝަނަށް ފެންނަ ކަމަށް ވެސް މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ޖޭއެސްސީން ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން މިދިޔަ މަހުގެ 18 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅީ އެ ކޮމިޝަނުން އޮނިގަނޑެއް އެކުލަވާލުމަށްފަހު، އެއަށް ރިއާޔަތްކޮށްގެން މުސާރަ ބޮޑުކުރުމަށެވެ.
ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެ ކޮމިޓީގައި ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ވިދާޅުވީ ސަރުކާރު މިހާރު ބަދަލުވާއިރު މުސާރަތައް ކުޑަކޮށް އަދި ބޮޑުކޮށް ހެދުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"މަޖިލީހުގެ ކޮމިޓީއަށް މިހެން އަންނަ ކަންތައް އިހަށް ކޮމިޓީގައި މަޑުކޮށްލަން އަޅުގަނޑަށް ފެންނަނީ. މީގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓަށް އަސަރުކުރާނެ. މިކަން އިހަށް މަޑުކޮށްލެއްވުމަކީ އަޅުގަނޑުގެ އެދުމެއް ކަމަށްވާތީ އެ ވާހަކަ ދަންނަވަން،" އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ފަނޑިޔާރުންގެ އިތުރުން ސިވިލް ސާވަންޓުންނާއި ކަސްޓަމާއި އިމިގްރޭޝަން ފަދަ ތަންތަނުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ކޯލިޝަނުން ވައުދުވެފައިވާނެ ކަމަށެވެ. އަދި އެ މުސާރަތައް ބޮޑުކުރާއިރު އެއްބަސްވެވޭ އޮނިގަނޑެއްގެ ތެރެއިން މުސާރަ ބޮޑުކުރެވޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން މުސާރަ ބޮޑުކުރަން ނުނިންމާށޭ. އަޅުގަނޑުމެންގެ ބަޖެޓްގެ ތެރެއަށް ގެންނަން ޖެހޭ ބަދަލުގެ ތެރެއިން ކުރިޔަށް ގެންދިއުމަށްޓަކައި ގޮތެއް ނުނިމައި ބާއްވައިދޭން އަޅުގަނޑު އެދެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އިބޫ ދެއްކެވި ވާހަކަފުޅާ ގުޅިގެން އެ ކޮމިޓީގެ މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ އެ ކޮމިޓީއަކީ ރައީސް ކަމާ ހަމަޔަށް ބޭފުޅުން އުފައްދާ ކޮމިޓީއެއް ކަމަށް ދެންނެވެން އެބައޮތް ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނަކީ އެ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.