27 ސެޕްޓެމްބަރ 2018 - 20:05

ދައުލަތުގެ ޚަރަދުތައް އޮޑިޓްކުރުމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނައްތާނުލައި ރައްކާތެރިކަމާ އެކު ބަލަހައްޓަން އޮޑިޓް އޮފީހުން ދައުލަތުގެ މުއައްސަސާތަކަށް މިއަދު އަންގައިފި އެވެ.
އޮޑިޓް އޮފީހުން އާއްމުކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ދައުލަތުގެ މުއައްސަސާތަކުން ހިންގާފައިވާ އަދި ހިންގަމުން އަންނަ މަސައްކަތްތަކާ ގުޅޭ ހިސާބުތަކާއި އެންމެހާ ލިޔެކިޔުންތައް އެ އޮފީހުގެ މަސައްކަތުގެ ތެރޭގައި ބަލަން ޖެހިދާނެ ކަމަށެވެ. އޭގެ ތެރޭގައި މެމޯތަކާއި އީމެއިލްތަކާއި ޔައުމިއްޔާ ފަދަ ލިއުންތައް ވެސް ހިމެނޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އޮޑިޓް އޮފީހުން އަންގާފައި ވަނީ، ލިއުމެއް ނުވަތަ ހިސާބުތައް ނައްތާލަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމަށެވެ. އެއަށް ފަހު، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިއުމުން ލިބިގެން ނޫނީ އެއްވެސް ލިއުމެއް ނުވަތަ ހިސާބެއް ވެސް ނައްތާލުމަށް ސާކިއުލާގައި ވަނީ ހަނދާން ކޮށްދީފަ އެވެ.
ލިއުންތަކާއި ހިސާބުތައް ބެލެހެއްޓުމާއި ނައްތާލުމުގެ ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކުން އަމަލުކުރުމަށް ދައުލަތުން ކަނޑައަޅާފައިވާ އުސޫލްތަކާއި އެއްވެސް ފަރާތަކުން ޚިލާފުވެއްޖެ ނަމަ އެކަމަކަށް އެ ފަރާތަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވެސް އޮޑިޓް އޮފީހުން ބުންޏެވެ.
އެފަދަ ލިއުންތައް ނައްތާލުމަކީ، އޮޑިޓް އޮފީހުގެ މަސައްކަތްތަކަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަކަށް ވާތީ، އެފަދަ އެއްވެސް ކަމެއް ނުކުރަން އެ ސާކިއުލާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ލިޔެކިޔުންތައް ނައްތާނުލަން އޮޑިޓް އޮފީހުން އެންގިއިރު، ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން އެމްޑީޕީން ވަނީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އާދީއްތަދުވަހު ބޭއްވި އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބުކުރެއްވުމާ އެކު ދެން އޮންނާނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އެވެ.
މި މަރުހަލާގައި، ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ކަންބޮޑުވުންފާޅުކޮށް، އެކަން ނުކުރުމަށް އެމްޑީޕީން ވަނީ މުއައްސަސާތަކަށް ގޮވާލައިފަ އެވެ.