އަންނަ އަހަރުގެ ބަޖެޓްގައި އާ ސަރުކާރުގެ ޕޮލިސީތައް ނުހިމެނުމަކީ ރަނގަޅު ގޮތެއް ނޫން: އިބޫ
އަންނަ އަހަރުގެ ބަޖެޓްގައި އާ ސަރުކާރުގެ ޕޮލިސީތައް ނުހިމެނުމަކީ ރަނގަޅު ގޮތެއް ނޫން: އިބޫ

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އާ ސަރުކާރުގެ ޕޮލިސީތައް ނުހިމެނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް ހުށަހަޅާއިރު އާ ސަރުކާރުގެ ޕޮލިސީތައް ނުހިމެނޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި ނަމަވެސް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެ ބަޖެޓް ހުށަހަޅާއިރު އެ ބަދަލުތައް [އާ ސަރުކާރުގެ ޕޮލިސީތައް] ގެނައުމުގެ ފުރުސަތު ލިބިދިނުމަކީ ކުރަން ޖެހޭ ކަމެއް. އަދި އެހެން ނުވިކަމަށްވި ނަމަވެސް މަޖިލީހަށް ބަޖެޓް ހުށަހެޅިގެންދާއިރުގައި އެ ބަދަލުތައް ގެނައުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުގެ ބައެއް ޕްލޭންތަކާއި އާ ސަރުކާރުގެ ޕްލޭންތަކުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި އާ ސަރުކާރުގެ ޕްލޭންތަކާއި ސްޓްރެޓެޖީތައް ތަންފީޒުވެގެންދާން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތިހުރިހާ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެން އެއްބާރުލުން ދިނުމަށް. އަދި ވިދާޅުވި ހެޔޮބަސްފުޅުތަކަށް ޝުކުރު އަދާކުރަން. މަޖިލީހުގެ ޖަލްސާތައް ވެސް އަދި ކުރިޔަށް އޮތީމަ އަޅުގަނޑު ފެނިގެންދާނެ،" މަޖިލީހުގެ މެމްބަރުން ފާޅުކުރެއްވި ޝުއޫރާ ގުޅިގެން އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އާ ސަރުކާރަށް މަޖިލީހުގެ ތެރެއިން މިހާރު ޕީޕީއެމްގެ މެމްބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެއީ ގައުމީ މަސައްކަތެއް ކަމަށް ވެސް ރައީސްކަމަށް އިންތިހާބުވެވަޑައިގެންފައިވާ މެމްބަރު ވިދާޅުވި އެވެ.

"މިހާރު ހުށަހެޅިފައިވާ މެދުރާސްތާގެ ފިސްކަލް ޕޮލިސީ އާއި ސްޓްރެޓެޖީއަށް ބަލާއިރު ދަރަނި 49 ބިލިއަން އެބައޮތް. ކޮންމެ އަހަރަކު ވެސް ބަޖެޓް ޑެފިސިޓްވާނެ ކަމަށް ފާސްކުރާ އަދަދަށް ވުރެ ބޮޑު އަދަދެއް ޑެފިސިޓްވަމުންދޭ. އެކަން އެހެން ވަނީ ލިބޭ އާމްދަނީއާ ދިމާނުވާތީ،" އިބޫ ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދަރަނި އަދާކުރަން ޖެހެނީ ލިބޭ އާމްދަނީއަކުން ކަމަށާއި އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި އެކަން ހައްލުކުރުމުގެ ގޮތުން، ބޭރުން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"މިހާރު ކޮމާޝަލް ލޯނުގެ ގޮތުގައި ނެގިފައި ހުރި ލޯނުތައް ކޮންވެންޝަނަލް ލޯނުތަކަށް ބަދަލުކުރަން ޖެހޭ. ބޭރުގެ އެހީ ހޯދަން ޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އާ ސަރުކާރުގެ ބަޖެޓް ހުށަހަޅާއިރު އެއްބާރުލުން ދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން ވަނީ އިބޫ އަށާއި ފައިސަލް ނަސީމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އާ ސަރުކާރަށް ދެންވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.