ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރަން އޭސީސީން އަންގައިފި
ކޫއްޑޫ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރަން އޭސީސީން އަންގައިފި

ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން، މިވަގުތަށް މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް މިއަދު އަންގައިފި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ސޮއި ކުރައްވައި އެ ކުންފުންޏަށް ފޮނުވި ސިޓީގަައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި ހަރަކާތްތެރިވި ކޫއްޑޫގެ މުވައްޒަފުންތަކަކަށް މި ދުވަސްވަރު ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެ ޕްރޮމޯޝަން ދެނީ، އެއްވެސް އުސޫލެއް ނެތި، މުވައްޒަފުންގެ ދަރަޖަ އެތައް ގުނައެއް ކުރިއަށް ޖެއްސުމަށް ފަހު ކަމަށް ވެސް އެ ޝަކުވާގައި ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ސިޓީގައި ލުތުފީ ވިދާޅުވި އެވެ.

އެހެންވެ އޭނާ އެދިވަޑައިގަތީ، އޭސީސީން މައްސަލަ ބަލައި ވަކި އެއްޗެއް އަންގަންދެން، މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަށް ނުވަތަ މުވައްޒަފުންނަށް ދީފައިވާ މުސާރައިގެ ކުރިއެރުމަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ.

ކޫއްޑޫ މުވައްޒަފުންގެ މުސާރައާ ގުޅޭ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، އެމްޕީއެލް މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުކުރަން އުޅުނު މައްސަލަ ވެސް އޮތީ އެ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެހެންވެ، އެމްޕީއެލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން ވެސް ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ޝަކުވާ އިދިކޮޅު އެމްޑީޕީން ދަނީ ކުރަމުންނެވެ.

އެ ޕާޓީން ބުނީ އިންތިޚާބަށް ފަހު ވެސް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. މިއީ، ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކަަމަށް ވާތީ، މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ނުކުރުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން ވެސް ފުލުހުންނަށް ވަނީ ގޮވާލައިފަ އެވެ.