ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރުދުންނަށް ވެސް ކޯޓުތަކަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި
ތުރާފިލުވުމުގެ މައްސަލަތައް އަމިއްލަ ފަރުދުންނަށް ވެސް ކޯޓުތަކަށް ހުށަހެޅޭ ގޮތަށް ހަމަޖައްސައިފި

ތުރާފިލުވުމުގެ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނީ ބަންޑާރަ ނައިބަށް އެކަނި ކަމަށް ކުރިން ހަމަޖައްސާފައި އޮތް އުސޫލު އުވާލައި، އަމިއްލަ ފަރުދުންނާއި މުއައްސަސާތަކަށް ވެސް އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.

މީހެއްގެ މުދަލެއް ނުވަތަ ތަނެއްގެ ސަބަބުން އެހެން މީހަކަށް އުނދަގޫވާ ނަމަ އެކަން ހައްލު ކުރުމަށް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް (ތުރާފިލުވުމުގެ މައްސަލަ) ކޯޓުތަކަށް ހުށަހެޅުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން 2015 ގައި ހަމަޖައްސާފައިވަނީ އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭނީ ބަންޑާރަ ނައިބަށް އެކަނި ކަމަށެވެ.

އެ އުސޫލު އުވާލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައިވަނީ ތުރާފިލުވުމަށް އެދޭ އަމިއްލަ ވަކިވަކި ފަރުދުންނާއި އަމިއްލަ ފަރާތްތަކާއި އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ލިބިގަތުމުގެ ބާރު އޮންނަ ދައުލަތުގެ މުއައްސަސާތަކަށް ވެސް އެފަދަ މައްސަލަތައް ކޯޓުތަކަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް ނުވަތަ އާންމު މަސްލަހަތެއް އޮތް ކަމަށް ބަންޑާރަ ނައިބަށް ފެނިއްޖެ ނަމަ، ކޯޓުގެ ހުއްދައާ އެކު އެ މައްސަލައެއްގެ ތެރެއަށް ވަނުމުގެ ފުރުސަތު ބަންޑާރަ ނައިބަށް ވެސް އޮންނާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

މީގެ އިތުރުން ތުރާފިލުވުމުގެ މައްސަލައެއްގައި ދައުލަތުގެ މަސްލަހަތެއް އޮތް ކަމަށް ކޯޓަށް ފެނިއްޖެ ނަމަ، ބަންޑާރަ ނައިބުގެ ފަރާތުން އެ މައްސަލައެއްގައި ތަމްސީލު ކުރުމުގެ ފުރުސަތު ދިނުމުގެ ބާރު ވެސް ކޯޓުތަކަށް އޮންނާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ތުރާފިލުވުމުގެ މައްސަލަތައް ބަންޑާރަ ނައިބު މެދުވެރި ނުކޮށް އަމިއްލައަށް ހުށަހެޅޭ ގޮތަށް ހަމަޖެއްސިއިރު، ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ބަންޑާރަ ނައިބު މެދުވެރި ނުކޮށް، މިނިވަން މުއައްސަސާތަކަށް އަމިއްލައަށް ކޯޓުތަކުގައި ތަމްސީލު ކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ.