އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި
އެމްޕީއެލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލައިފި އެވެ.

އެ ކުންފުނިން ކުރިން ނިންމާފައި އޮތީ، އިއްޔެ ހަވީރު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގައި، ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރާށެވެ. އެކަމަކު، އެކަން މަޑުޖައްސާލީ، އެ ކުންފުނީގެ މުވައްޒަފުންތަކެއް އޭސީސީ އަށް މައްސަލަ ހުށަހެޅުމުންނެވެ.

އޭސީސީގެ އޮފިޝަލަކު އިއްޔެ ވިދާޅުވި ގޮތުގައި އެމްޕީއެލްގެ މުސާރަ ބޮޑުކުރަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގަ އެވެ. އެއީ، އެ މައްސަލަ ބަލާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ.

އެމްޕީއެލްގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން އާ އޮނިގަނޑެއް މީގެ ހައެއްކަ މަސް ކުރިން ވަނީ، އެކުލަވާލައިފަ އެވެ. އެ އޮނިގަނޑުގެ ދަށުން މުސާރަ ބޮޑުކޮށްފައި ވަނީ ކުންފުނީގެ އިސް ބައެއް މަގާމްތަކަށް ކަން ވެސް އެނގިފައިވެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން ވެސް ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ޝަކުވާ އިދިކޮޅު އެމްޑީޕީން ދަނީ ކުރަމުންނެވެ.

އެ ޕާޓީން ބުނީ އިންތިޚާބަށް ފަހު ވެސް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެހެންވެ މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ނުކުރުމަށް ވެސް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން ވެސް ފުލުހުންނަށް ވަނީ ގޮވާލައިފަ އެވެ.