މަހްލޫފަށް ކުރި ދެ ދައުވާގެ މައްސަލަ ބާތިލްކޮށްފި
މަހްލޫފަށް ކުރި ދެ ދައުވާގެ މައްސަލަ ބާތިލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އާއި ހިނގާފައި ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ ދެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު މާފުށީ ޖަލު ކައިރީގައި މުޒާހަރާކޮށް، ޖަލުގެ ގޭޓް ގަދަކަމުން ހުޅުވުމުގެ އިތުރުން އެތަނުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ.

މިއަދު ބާތިލްކުރި ދެވަނަ ދައުވާއަކީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޖަމްޝީދު ޑީމޯޓްކުރަން ނިންމާފައިވާ ކަމަށް ބުނެ މިދިޔަ އަހަރު މަހްލޫފް ކުރި ޓްވީޓަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ހިނގާފައި ނުވާ ކަމެއްގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ އެވެ.

އެ ދެ ދައުވާ ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، ދައުވާ ބާތިލްކުރީ އެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ މަހްލޫފްގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުމުންނެވެ.

އެ ދެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ މުޒާހަރާކުރި މައްސަލާގައި ދައުވާކުރީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށް ވިޔަސް، އެއީ އެ އަމަލާ ގުޅުންހުރި ގާނޫނެއްގެ ދަށުން އުފުލި ދައުވާއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭނީ އެ ގާނޫނުގައި ބުނާ މަގްސަދުތަކުން ކުރެ މަގްސަދެއް އޮވެގެން އެ ގާނޫނުގައި ބުނާ ފަދަ ޓެރަރިޒަމްގެ އަމަލެއް ކުރުމުން ކަމަށް ވާއިރު، މަހްލޫފް އެ އަމަލު ހިންގާފައިވަނީ އެފަދަ މަގްސަދެއް އޮވެގެން ކަން ދައުލަތުގެ ދައުވާއިން އެނގެން ނެތް ކަމަށް ވެސް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި މައްސަލާގައި ދައުވާ އުފުލަން ޖެހެނީ ގާނޫނުލް އުގޫބާތުގެ ދަށުން ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ނުވަތަ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އަދި މުޒާހަރާކުރުމުގައި އެހެން ބަޔަކު ވެސް ބައިވެރިވެފައިވާއިރު އެ މައްސަލާގައި ދައުވާ އުފުލީ މަހްލޫފްގެ މައްޗަށް އެކަނި ކަން ވެސް ގާޒީ ފާހަގަކުރެއްވި އެވެ.

ގާޒީ އިބްރާހިމް ވިދާޅުވީ އެ މައްސަލާގައި މިދިޔަ ފެބްރުއަރީ މަހު މަހްލޫފްގެ މައްޗަށް ދައުވާ އުފުލައި، ކޯޓަށް މައްސަލަ ފޮނުވާފައި ވިޔަސް، އެ މައްސަލާގެ ތަހުގީގު މުޅިން ފުރިހަމަ ވެފައި ނުވާކަން ދައުލަތުން އޭގެފަހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން ދައުވާކުރަން ޖެހޭނީ އެކަށީގެންވާ މިންވަރަކަށް އެ މައްސަލައެއް ތަހުގީގުކުރުމަށް ފަހުގައި ކަން ފާހަގަކޮށް، ގާޒީ ވިދާޅުވީ އެ މައްސަލާގައި އަމަލު ކޮށްފައިވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާގައި ބުނާ ކަންކަން ފުރިހަމަ ނުކޮށް ކަމަށެވެ.

ޓްވީޓްކުރި މައްސަލާގައި ކުރި ދައުވާއާ ގުޅިގެން ގާޒީ އިބްރާހިމް ވިދާޅުވީ ގާނޫނުލް އުގޫބާތުގައި ބުނާ ކުށުގެ މުހިންމު އަސާސްތައް ފުރިހަމަ ވެފައި ނެތް ކަމަށެވެ. އަދި ޕްރޮސެކިއުޓް ކުރުމާ ބެހޭ ގަވާއިދާ އެއްގޮތަށް އެ މައްސަލާގެ ކަންކަން ފުރިހަމަ ކޮށްފައި ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ވެސް ދައުވާކުރީ އެކަށީގެންވާ މާއްދާއެއް ދަށުން ކަމަށް ބެލެވެން ނެތް ކަމަށް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެ ދެ ދައުވާ ވެސް މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތް ކަމަށާއި އެހެން ވެ އެ ދެ ދައުވާ ބާތިލްކުރީ ކަމަށެވެ.ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މަހްލޫފް ކުރިން ހުރީ ޝަރީއަތް ނިމެންދެން ގޭ ބަންދުކޮށްފަ އެވެ. އޭނާ ބަންދުން މިނިވަންކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދައުވާ ސާބިތުވި ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މަހްލޫފްގެ މައްޗަށް އައިސް، މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.

މަހްލޫފަށް ކުރާ ދެ ދައުވާއެއް މިއަދު ބާތިލް ކުރިއިރު، ޓްވީޓްކުރި މައްސަލައަކާ ގުޅިގެން މަހްލޫފްގެ މައްޗަށް އިތުރު ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. ވަކިން ކުރިއަށް ގެންދާ އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.