28 ސެޕްޓެމްބަރ 2018 - 08:19

ބަތަލާ ރާނީ މުކަރްޖީގެ އެންމެ ފަހުގެ ފިލްމު "ހިޗްކީ" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ އެކު ރަޝިއާ އާއި ކަޒަކަސްތާނުގައި ވެސް ފިލްމު ދެއްކުމަށް ޗައިނާ އަށް މިސްރާބު ޖަހައިފި އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސްދިން ފިލްމު ޗައިނާގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ވަނަ ދުވަހު އެވެ. ޗައިނާ ބަހުން ޑަބްކޮށްގެން ފިލްމް ގެނެސްދޭ އިރު، "ހިޗްކީ" ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ޗައިނާގައި ސިނަމާތަކަށް ފިލްމު ގެންނަ އިރު، މި އަހަރުގެ ޖޫން މަހު ބޭއްވި 21 ވަނަ ޝަންހާއީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ވެސް "ހިޗްކީ" ވަނީ ޕްރިމިއާކޮށްފަ އެވެ.
ރާނީ ބުނީ ފިލްމު ޗައިނާގެ އޯޑިއަންސަށް ވަރަށް ކަމުދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. ވަކިން ހާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ފިލްމު ކަމުދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުންޏެވެ.
ސިދާތު ޕީ މަލްއިތުރާ ޑައިރެކްޓް ކުރި "ހިޗްކީ" ގައި ރާނީ ކުޅެފައި ވަނީ އުކުނޑި ކޮއްޓާ މައްސަލަ ހުންނަ ޓީޗަރެއްގެ ރޯލެވެ. ކްރިޓިކުންނާއި ބެލުންތެރިން ވަނީ ފިލްމުގެ ވާހަކައަށާއި ރާނީ ދައްކުވައި ދިން އެކްޓިން ބޮޑަށް ތައުރީފު ވެސް ކޮށްފަ އެވެ.
މި ފިލްމުން ރާނީ އަށް ވަނީ މިދިޔަ މަހު އޮސްޓްރޭލިއާގައި ބޭއްވި އިންޑިއަން ފިލްމު ފެސްޓިވަލް އޮފް މެލްބަން (އައިއެފްއެފްއެމް) ގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބިފަ އެވެ.
މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ރިލީޒް ކުރި "ހިޗްކީ" އަށް އިންޑިއާގެ އިތުރުން އެމެރިކާ އާއި ދުބާއީ ފަދަ ގައުމުތަކުން ބޮޑު ތަރުހީބެއް ލިބުނު އިރު، ފިލްމަށް ބޮކްސް އޮފީހުގައި 76.54 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ. ފިލްމު ހަދަން ހޭދަ ކުރީ އެންމެ 20 ކްރޯޑް ރުޕީސް އެވެ.
ޗައިނާގައި އެންމެ ފަހުން އެޅުވި ހިންދީ ފިލްމަކީ އަކްޝޭ ކުމާރްގެ "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" އެވެ. އެކަމަކު އެ ފިލްމަށް އުންމީދު ކުރި ވަރުގެ ތަރުހީބެއް ނުލިބެ އެވެ.