27 ސެޕްޓެމްބަރ 2018 - 13:26

ނިއު ޔޯކް (ސެޕްޓެމްބަރު 27) - ސްރީ ލަންކާއާ މެދު އާ ނަޒަރުން ދެކި ގައުމުގައި ހުރި މައްސަލަތަކާ ބޭރުގެ ފަރާތްތަކުން ނުބެހި އެ މައްސަލަތައް އަމިއްލަ އަށް ހައްލު ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ 73 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ލަންކާ އިން ޓެރަރިސްޓުން ނައްތާލިތާ 10 އަހަރު ފަހުން ގައުމުގެ މިސްރާބު މިހާރު އޮތީ ދާއިމީ ސުލްހައާ ދިމާލަށް ކަމަށެވެ.
"ދާޚިލީ ހަނގުރާމަ ނިމުނުތާ މިހާރު 10 އަހަރު ވެއްޖެ. އެހެންވެ ބައިނަލްއަގުވާމީ މުޖްތަމައުން ލަންކާއާ މެދު މިހާރު ދެކެން ޖެހޭނީ އާ ނަޒަކުން،" ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ސިރިސޭނާ ވިދާޅުވި އެވެ.
ހަނގުރާމަ އަށް ފަހު ލަންކާ އިން އެންމެ ބޮޑު އިސްކަމެއް ދިނީ ދެކޮޅުވެރި ފަރާތްތައް ސުލްހަ ކުރުމަށާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާ އަދި ދެން ދުވަހަކު ވެސް ހަނގުރާމައެއް ފެށުނު ނުދިނުމަށް ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ވަރަށް އާދޭހާ އެކު އެދެނީ ލަންކާގައި ހުރި މައްސަލަތައް އަމިއްލަ އަށް ހައްލު ކުރުމުގެ ފުރުސަތު ދިނުމަށް. އެކަމަކު ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި އެހެން ގައުމުތަކުގެ އެހީ ބޭނުންވޭ،" ސިރިސޭނާ ވިދާޅުވި އެވެ.