ޓޫރިޒަމްގެ އާ މަޝްރޫއެއް ސައުދީން އިފްތިތާހު ކޮށްފި
ޓޫރިޒަމްގެ އާ މަޝްރޫއެއް ސައުދީން އިފްތިތާހު ކޮށްފި

ޖިއްދާ (ސެޕްޓެމްބަރު 27) - ސައުދީ އަރަބިއާގެ ހުޅަނގުއުތުރުގެ އައްސޭރީގެ ސަރަހައްދު ލަގްޒަރީ ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއެއް އެ ގައުމުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިއްޔެ އިއުލާންކޮށްފި އެވެ.

ތެލުގެ މާކެޓަށް އެކަނި ބުރަނުވެ އިގްތިސާދު ފުޅާކުރަން އަމާޒު ހިފާފައިވާ ސައުދީން އަލަށް ފަށާ "އަމާލާ" މަޝްރޫއު ނިމޭއިރު ހޮޓާތަކާއި ޕްރައިވެޓް ވިލާތަކާއި އާޓް އެކަޑަމީއެއްގެ އިތުރުން ޔޮޓް ކްލަބެއް ވެސް ގާއިމް ކުރާނެ ކަމަށް ޕީއައިއެފް އިން ބުންޏެވެ. އަމާލާ ޕްރޮޖެކްޓުގައި ބޮޑަށް ހިމެނެނީ ވެލްނެސް އާއި މެޑިޓޭޝަން އަދި ހެލްތު ޓޫރިޒަމެވެ. ސައުދީގެ މެގަ ޕްރޮޖެކްތަކަށް ހޭދަކުރަމުން މިހާރު ދަނީ ޕީއައިއެފް އިންނެވެ.

ސައުދީން މިހާރު ވަނީ މެދުއިރުމަތީގެ ސިލިކަން ވެލީގެ ގޮތުގައި ތަރައްގީ ކުރާ ނިއޯމް މަޝްރޫއު ވެސް އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން ރެޑް ސީ ރިސޯޓް ޕްރޮޖެކްޓެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.

ތެލަށް ބަރޯސާވުން ކުޑަކުރަން ސައުދީން މިހާރު ވަނީ ވިޝަން 2030 މަޝްރޫއެއް އިއުލާން ކޮށްފަ އެވެ. މި މަޝްރޫއުގެ މޭސްތިރިއަކީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެވެ.