އާމިރު ހާނާ އެކު ފިލްމެއް ކުޅެލަން ބޭނުން: އައިޝްވާރިޔާ
އާމިރު ހާނާ އެކު ފިލްމެއް ކުޅެލަން ބޭނުން: އައިޝްވާރިޔާ

އާމިރު ހާނާއި އައިޝްވާރިޔާއީ ރާއީގެ ޖޯޑު އެއް ފިލްމަކުން އަދިވެސް ނުފެނެ އެވެ. އެކަމަކު އައިޝްވާރިޔާގެ ކެރިއަރުގެ ވަރަށް ކުރީކޮޅު އާމިރާ އެކު ޕެޕްސީ އާއި ކޮކަ ކޯލާގެ އިޝްތިހާރުތަކެއް ކުޅުނެވެ.

އޭގެ ފަހުން ދަރްމޭޝް ދަރްޝަން 2000 ވަނަ އަހަރު އާމިރާއި އޭނާގެ ކޮއްކޮ ފައިޒަލް ހާން އަދި ޓްވިންކަލް ކަންނާ ލީޑް ރޯލް ކުޅުނު ފިލްމު "މޭލާ" ގައި ފައިޒަލްގެ ލޯބިވެރިޔާގެ ގޮތުގައި، ވަރަށް ކުޑަކުޑަ ފެނިލުމަކުން އައިޝްވާރިޔާ ދައްކާލައިފައިވެ އެވެ. އެ ފިލްމު ފިޔަވައި މިހާތަނަށް އާމިރު މަސައްކަތް ކުރި އެއްވެސް ފިލްމެއްގައި އައިޝްވާރިޔާ މަސައްކަތެއް ނުކުރެ އެވެ.

އެކަމަކު 1996 ގައި ރިލީޒްވި އާމިރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ރާޖާ ހިންދުސްތާނީ" ގެ ބަތަލާގެ ރޯލް ވެސް އައިޝްވާރިޔާ އަށް ލިބުނެވެ. އެކަމަކު ސޮއިކޮށްފައި ހުރި އެހެން ފިލްމުތަކަށް ވަގުތު ހުސްކުރަން ޖެހިގެން އެ ފިލްމު އޭނާ އަށް ކުޅެވޭ ގޮތް ނުވީ އެވެ. އެހެންވެ އެ ފުރުސަތު ފަހުން ލިބުނީ ކަރިޝްމާ ކަޕޫރަށެވެ.

އައިޝްވާރިޔާ މިހާރު ބުނަނީ އަލުން އާމިރާ އެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދުގައި އެ އިންތިޒާރުގައި ހުރި ކަމަށެވެ.

"އަހަރެން ވަރަށް ބޭނުން އޭނައާ އެކު މަސައްކަތްކޮށްލަން. އަދި އާމިރަކީ އަބަދުވެސް އަހަންނަށް ވަރަށް ކަމުދާ އެކްޓަރެއް. އޭނާއަކީ ވަރަށް މޮޅު އެކްޓަރެއް،" ދާދި ފަހުން ރިލީޒް ކުރި "ފަނޭ ހާން" ގެ ބަތަލާ ބުންޏެވެ. "ވަރަށް އުންމީދު އެބަ ކުރަން ކައިރި މުސްތަގުބަލެއްގައި އާމިރާ އެކު ފިލްމެއް ކުޅެން ފުރުސަތު ލިބޭނެ ކަމަށް."

އޭނާ ބުނި ގޮތުގައި "މޭލާ" ގެ ކުޑަކުޑަ ރޯލެއް ކުޅެން އެއްބަސްވީ ސީދާ އާމިރު އެކަމަށް އެދިގެންނެވެ. އަދި އެ ފިލްމުގައި ކުޑަކުޑަ ތަންކޮޅަކުން ވެސް އާމިރުގެ ފިލްމެއްގައި ހިއްސާވުމަކީ ލިބުނު އުފަލެއްގެ ގޮތުގައި އައިޝްވާރިޔާ ވަނީ ސިފަކޮށްފަ އެވެ.

ދެހާސް ހަތް ވަނަ އަހަރު އަބީޝެކް ބައްޗަންއާ ކައިވެނިކޮށް، ދަރިއަކު ވެސް ލިބުމަށް ފަހު، ފިލްމީ މަސައްކަތްތަކާ ދުރުގައި ހުރުމަށް ފަހު، އައިޝްވާރިޔާ އެނބުރި ބޮޑު ސްކްރީނަށް އައީ 2015 ގައި ރިލީޒް ކުރި ފިލްމު "ޖަޒްބާ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސަރަބްޖީތު" އާއި "އޭ ދިލް ހޭ މުޝްކިލް" ހިމެނެ އެވެ.

އައިޝްވާރިޔާގެ ކުރިއަށް އޮތް އެންމެ ހާއްސަ އެއް ފިލްމަކީ ފިރިމީހާ އަބީޝެކްއާ އެކު ކުޅޭ "ގުލާބް ޖާމޫ" އެވެ.