27 ސެޕްޓެމްބަރ 2018 - 11:12

ލަންޑަން (ސެޕްޓެމްބަރު 27) - މި ފަހަރުގެ ވޯލްޑް ކަޕްގައި ވިދާލި ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑްގެ އަގު ޓްރާންސްފާ މާކެޓްގައި އުފުލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 22 އަހަރުގެ ޕަވާޑަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް ކުޅުންތެރިއެކެވެ. އޭނާ ހޯދަން މި ފަހަރުގެ ޓްރާންްސްފާ މާކެޓްގައި ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު ބަޔާނާ ގުޅުމާ މެދު ފަހު ވަގުތު ޕަވާޑްގެ ހިޔާލު ބަދަލުވީ އެވެ.
ރިޕޯޓްތައް ބުނާގޮތުން ޖަރުމަނުގެ ސްޓުޓްގާޓަށް ކުޅެމުން އަންނަ ޕަވާޑް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން މި ސީޒަނަށް ފަހު އޭނާ ހޯދަން ދައްކަން ޖެހޭ އަގު 35 މިލިއަން ޕައުންޑަށް ކުޑަވާނެ އެވެ. މިއީ މިހާރުގެ އަގު އުފުލިފައިވާ ޓްރާންސްފާ މާކެޓަށް ބަލާއިރު ޒުވާން ކުޅުންތެރިއަކަށް ރަނގަޅު އަގެކެވެ.
ޕަވާޑް ހޯދުމުގެ ރޭހުގައި މި ވަގުތު އޮތީ ޓޮޓެންހަމާއި ލިވަޕޫލް، އިންޓަ މިލާން އަދި ރެއާލް މެޑްރިޑެވެ. މި ހަތަރު ކްލަބުން ވެސް އޮތީ ޕަވާޑާއި ސްޓުޓްގާޓާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކުރަން ދައްކަން ޖެހޭ އަގު ދައްކަން ތައްޔާރަށެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ ޕަވާޑްގެ އޭޖެންޓާ މަޝްވަރާތައް ފަށައިފަ އެވެ. އެކަމަކު އެ ޓީމުގައި ޕަވާޑަށް އެކަށީގެންވާވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭނެތީ އޭނާ އެ ޓީމާ ގުޅުމުގެ ފުރުސަތު ކުޑަ އެވެ. ޕަވާޑްގެ ވިސްނުން ހުރީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމަކަށް ބަދަލުވާށެވެ.
ދާދި ފަހުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދިން އިންޓަވިއުއެއްގައި ވަނީ ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅެތި ފުލްބެކުންގެ ތެރޭގައި ޕަވާޑް ހިމެނޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ސިޓީން އޭނާ އަށް އަދި ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.