27 ސެޕްޓެމްބަރ 2018 - 10:48

ލިވަޕޫލް (ސެޕްޓެމްބަރު 27) – ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެޑެން ހަޒާޑްގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 2-1 އިން ބަލިކޮށް ޗެލްސީން އިނގިރޭސި ލީގު ކަޕުގެ ގަދަ 16 ޓީމުގެ ބުރުން ޖާގަ ހޯދައިފި އެވެ.
މިއީ މި ސީޒަނުގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. ޕްރިމިއާ ލީގުގައި ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ލިވަޕޫލް ލީގުގައި ވެސް ދެން ވާދަކުރާނީ ޗެލްސީއާ އެވެ. ހޮނިހިރު ދުވަހުގެރޭ ޗެލްސީގެ ދަނޑުގައި ކުޅޭ މި މެޗުން މޮޅުވެގެން އެ ޓީމަށް ލިވަޕޫލުގެ ކުރިއަށް އެރޭނެ އެވެ.
ރޭ އެންފީލްޑުގައި ކުޅުނު މި މެޗަށް ދެ ޓީމުން ވެސް ނެރުނީ އެންމެ ވަރުގަދަ ޓީމެއް ނޫނެވެ. ލިވަޕޫލުން މުހައްމަދު ސަލާ އާއި ރޮބާޓޯ ފިރްމީނިއޯ ވެސް އެރުވީ ފަހުކޮޅެވެ. ޗެލްސީން ވެސް ހަޒާޑުގެ އިތުރުން އެންގޯލޯ ކާންޓޭ އާއި ޑަވިޑް ލުއިޒް ވެސް އެރުވީ ފަހުންނެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދާއިރު ލިވަޕޫލުން ކުރި ހޯދީ 58 ވަނަ މިނެޓުގައި ޑެނިއަލް ސްޓަރިޖް ޖެހި ގޯލުންނެވެ. ޗެލްސީން އެއްވަރުކުރީ 79 ވަނަ މިނެޓުގައި އެމަދަން ކާމިޔާބުކޮށްދިން ގޯލަކުންނެވެ. ހަޒާޑް ތަފާތު ދެއްކީ 85 ވަނަ މިނެޓުގަ އެވެ. ލިވަޕޫލުގެ ތިން ޑިފެންޑަރުން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ޝޮޓް ވައްދާލީ ތިރީ ކަނަށެވެ.
"އޭނާ އަކީ ހަމައެކަނި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާ އެއް ނޫން. އެންމެ މޮޅު ނޫނީ އޭނާ އަކީ ޔޫރަޕާއި ދުނިޔޭގައި ވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ޗެލްސީގެ އެސިސްޓަންޓް ކޯޗު ޖިއަންފްރާންކޯ ޒޯލާ ބުންޏެވެ.