27 ސެޕްޓެމްބަރ 2018 - 11:41

ބ. ކެންދޫ ކައުންސިލްގެ ތިޖޫރި، ގިނަ އަދަދެއްގެ ފައިސާއާއެކު ރޭ ވަގަށް ނަގައިފި އެވެ.
ކެންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަބްދުއްރަޝީދު ވިދާޅުވީ، ތިޖޫރީ ވަގަށް ނެގިކަން އެނގުނީ މިއަދު ހެނދުނު އޮފީސް ހުޅުވުމުން ކަމަށެވެ. އަދި ތިޖޫރީ ވަގަށް ނަގާފައިވަނީ ކައުންސިލްގެ މައި ދޮރާއި ތިޖޫރީ ހުރި ކޮޓަރީގެ ދޮރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ.
އަހުމަދު ވިދާޅުވީ ތިޖޫރީ ވަގަށް ގެންދިޔަ އިރު، އޭގައި 188،925 ރުފިޔާ ހުންނާނެ ކަމަށެވެ. އެއީ ކައުންސިލަށް އެކި ގޮތްގޮތުން ލިބިފައި ހުރި ފައިސާ ކަމަށާއި، މުވައްޒަފުންގެ މުސާރަ ނެގުމަށް މިއަދު އޭދަފުއްޓަށް ދާއިރު، އެ ފައިސާ ޖަމާކުރަން ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާާޅުވި އެވެ. އަދި އެ ފައިސާ ޖަމާކުރުމަށްޓަކައި އިއްޔެ ވަނީ ހުރިހާ ލިޔުންތައް ވެސް ތައްޔާރުކޮށް ނިންމާފައި ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
ކައުންސިލްގެ ޒިންމާދާރު ވެރިޔާ ޝަހުމާ ހާލިދު ވިދާޅުވީ ކައުންސިލް ބެލެހެއްޓުމަށް ހުރިހާ ވަގުތެއްގައި ސެކިއުރިޓީ ގާޑެއް ނުހުންނަ އިރު އެ ތަނުގައި ކެމެރާ ވެސް ނުހުންނަ ކަމަށެވެ. ނަމަވެސް ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދުމަށް ދެ ފަހަރު އިއުލާންކުރުމުން ވެސް، އެކަމަށް ހުށަހަޅާފައިވަނީ ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބޮޑު އަގުތަކެއް ކަމަށްވާތީ، އެކަން ނުކުރެވެނީ ކަމަށް ޝަހުމާ ވިދާޅުވި އެވެ.
ތިޖޫރީ ވަގަށް ނެގި މައްސަލަ މިހާރު އެ ރަށުގައި ތިބޭ ފުލުހުން ތަގުގީގު ކުރަމުން އަންނަ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.