09 އޯގަސްޓް 2016 - 10:55

ވެމްބްލީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ އަތުން މޮޅުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އިނގިރޭސި ނުފޫޒުގަދަ މީޑިއާއެއް ކަމަށްވާ "ދަ ސަން" ގެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.
ކްލޮޕް ބުނީ އޭނާ "ދަ ސަން"އާ ވާހަކަ ނުދައްކަން ނިންމީ ލިވަޕޫލް ކުޅުންތެރިންގެ ޒާތީ ދިރިއުޅުމުގެ ވާހަކަ ހަގީގަތް އޮޅުވާލައިގެން ގެނެސްދޭތީ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި ކިތަންމެ މަޝްހޫރު މީހެއްގެ ވެސް ޒާތީ ދިރިއުޅުމުގައި ހާމަނުކުރާ ކަންތައްތަކެއް ހުންނާނެ. އެ ކަންތައްތައް ޖެހޭނީ ކުޅުންތެރިއާގެ މަސްލަހަތަށް ވެސް ސިއްރެއްގެ ގޮތުގައި އޮންނަން. އެއީ މީހުން ދެކޭ ގޮތް ތަފާތު ވާނެތީ" މެއިންޒް އަތުން ބަލިވި މެޗަށް ފަހު ކްލޮޕް ބުންޏެވެ.
ކްލޮޕް ހިތްހަމަ ނުޖެހުނީ ލިވަޕޫލްގެ ޑިފެންޑަރު ޑެޔާން ލޮވްރެންގެ އަންހެނުންނާއި އޭނާއާ މެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ރިޕޯޓެއް ލިއުމުންނާއި ނަތަނިއަލް ކްލައިންގެ އޮރިޔާން ކާޑެއް ލީކުވެފައިވާ ކަމަށް ބުނެ ދޮގު ހަބަރުތަކެއް ފެތުރުމުންނެވެ.
"ދުނިޔޭގައި 8 މިލިއަނަށް މީޑިއާ އެބަ އޮވޭ. އަހަރެން ދެކޭ ގޮތުގައި ގޯސްކޮށް ކަންތައް ކުރާ ބައެއް މީޑިއާތަކާ ވާހަކަ ދެއްކުން ހުއްޓާލުމަކުން އަހަރެމެންނަށް ގެއްލުމެއް ނެތް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލާ "ދަ ސަން"އާ ދެމެދު ޒަމާނުއްސުރެން ހިޔާލު ތަފާތުވުންތަކެއް އޮވެ އެވެ. އެކަން ފެށިފައިވަނީ 1989 ވަނަ އަހަރުގައި ހިލްސްބަރާ ހާދިސާގައި މަރުވި ލިވަޕޫލް ސަޕޯޓަރުންނަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ރިޕޯޓްތަކެއް "ދަ ސަން" އިން ގެނެސްފައިވާތީ އެވެ. އޭގެ ފަހުން ލިވަޕޫލްގެ ގިނަ ކޯޗުންނާއި "ދަ ސަން"އާ ދެމެދު މައްސަލަ ޖެހެ އެވެ.