27 ސެޕްޓެމްބަރ 2018 - 11:26

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި، ރިޔާސީ އިންތިޚާބު، ކޯޓަށް ގޮސްގެން ބާތިލުކުރަން އުޅޭ ކަމުގެ ޚަބަރާ އެކު ރައްޔިތުންގެ ގިނަ ބަޔަކު "ކެކިއަރައިގަތީ" އެވެ. ރައްޔިތުންގެ ނިންމުން، ކޯޓުން ބަދަލުކުރަން އުޅުން އެތައް ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ. ވެރިކަމުގެ ބާރު ދަމަހައްޓަން، ކޯޓުތައް މެދުވެރިކޮށް، މީގެ ކުރިން ޕީޕީއެމުން އަމަލުކޮށްފައިވާ ގޮތުން ކަމަށް ވެސް ވެދާނެ އެވެ.
ސޯޝަލް މީޑިއާގައި އެކަކު ލިޔުނެވެ؛ ސުޕްރީމް ކޯޓުގެ ހުކުމް ބޮލާލައި ޖެހި ބަޔަކު ކޮށްފައި، ނުކުރާނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު ރައްޔިތުންގެ ހުކުމާ ކުޅޭކަށް ފުރުސަތެއް ނުދޭނަމެވެ.
ރުޅިވެރިކަމާ އެކު މި ހުރިހާ ޝަކުވާތައް، ޓުވިޓާގައި ލިޔަމުން ދިޔައީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަހްމަދު ނިހާން ޓެގު ކުރައްވަ އެވެ. އެއީ، ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުންގެ ތެެރެއިން އެންމެ ފަސޭހަ އިން ޖަވާބު ދެއްވާނެ ބޭފުޅަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރި، ނިހާން ކަމަށް ވާތީ އެވެ.
އެ "ހޫނުގަނޑު" ތެރޭގައި އާއްމުން އުއްމީދު ކުރި ގޮތަށް ނިހާން، ޓުވީޓްތަކަށް ޖަވާބު ދެއްވި އެވެ. އޭގެ ފަހުން، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ވެސް އެ މައްސަލައިގައި ވާހަކަ ދެއްކެވި އެވެ. އެކަމަކު، އޭނާގެ ރާގާއި ބަސްމަގު ހުރި ގޮތުން، ރޭ އެތައް ބަޔަކު އިތުރަށް ރުޅި ގަދަވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ޓުވިޓާގައި އޭނާއާ އަމާޒުކުރެވުނު ސުވާލުތަކުގެ ތެރެއިން ޖަވާބު ދެއްވީ، ގާތް ދެ އެކުވެރިން ކަމަށްވާ، އަލީ ނިޒާރާއި ޝުއައިބު އަލީ އަށް ކަމަށެވެ. އެއީ، ކޮންމެ އެއްޗެއް ވެސް ވިދާޅުވެވޭ ވަރުގެ ދެ ބޭފުޅުން ކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ވާހަކަތަކުގައި ރުޅި އިސްކޮށްފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑަކީ ކޮންމެ މީހަކު އެގޮތަށް، ކުރާ ސުވާލަށް ޖަވާބު ދޭ މީހެއް ނޫން، އަލީ ނިޒާރާއި ޝުއައިބު އަކީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ ތެރެއިން މަޖިލީހުން ވެސް ދިމާވެ ވާހަކަ ދައްކާ ބައެއް، އެހެންވެ ޖަވާބު ދިނީ،" ނިހާން ވިދާޅުވި އެވެ.
އިންތިޚާބު ބާތިލުކުރަން އުޅޭއިރު، ރައީސް ޔާމީންގެ މައްޗަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ހޯއްދެވި ނަތީޖާ ފެނިވަޑައިނުގަންނަވާތޯ އެތައް ބަޔަކު ނިހާންއާ ސުވާލު ކުރެއްވި އެވެ. އީސީން އާއްމުކޮށްފައިވާ، ނަތީޖާއާ އެކު ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު އެދިވަޑައިގަތީ ބަލި ގަބޫލުކޮށް، އީސީގެ ނަތީޖާ ނިހާން ވިދާޅުވުމަށެވެ.
ނިހާން ޖަވާބު ދެއްވި އެވެ.
"ބްރަދާ، ތި ކިޔައިފީމޭ، އަދި ޕީޕީއެމުން ވަނީ ނަތީޖާ ގަބޫލުކޮށްފައޭ. ކިހިނެއްވެގެން ތެޅިފޮޅެނީ ތިހާ ވަރަށް. ހަމަޖެހިބަލަ،"
އެ ޖަވާބާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ޝުއައިބު އަލީ ވިދާޅުވީ "އަހަރެމެންނަށް ވެސް ޕޮލިސް ބެރިކޭޑް މަތިން ފުންމަން އެނގޭ ކަން ދަންނާނެ" ކަމަށެވެ. މި ފަހަރު އެކަން ކުރަން ޖެހިއްޖިއްޔާ، ތައްޔާރު ކަަމަށާއި 23 ސެޕްޓެމްބަރުގައި ރައްޔިތުން ކުރެހި މަންޒަރާއި ދިން މެންޑޭޓް ވަރަށް ސާފު ކަމަށް ވިދާޅުވި އެވެ.
ނިހާނަށް އަމާޒުކުރައްވައި ޝުއައިބު އެގޮތަށް ވިދާޅުވީ، ޑީއާރުޕީގެ މުޒާހަރާއެއްގެ ތެރެއިން ނިހާން ބެރިކޭޑެއްގެ މަތިން ފުންމަވާލައްވާ ފޮޓޯ އަށް އިޝާރާތް ކުރައްވަ އެވެ.
އެއާއެކު ނިހާން އެއްސެވީ، މެންޑޭޓުގައި އޮތީ، ބެރިކޭޑް މަތިން ފުންމުންތޯ އެވެ. އަނެއްކާވެސް ޖަވާބު ދެއްވީ ޝުއައިބެވެ.
"މެންޑޭޓުގައި އޮތީ، އިންތިޚާބީ ރައީސްއާ ސަރުކާރު ހަވާލުކުރަން. އެކަން ނުކޮށް ހާސަރު ދިގުވާތީ، މަނިކުފާނު ކުރެއްވި ކަންތައް ވެސް އަޅުގަނޑުމެން އެ އަށް ވުރެން ރަނގަޅަށް ބާރަށް ދުވެފައި އައިސް ކުރާނެ ވާހަކަ ބުނެލީ،"
އެ ވާހަކަ އަށް ދެއްވި ރައްދުގައި ނިހާން ވިދާޅުވީ ވެރިކަން ހަވާލުކުރާ ދުވަހާއި ގަޑި ކަނޑައަޅަނީ އޭނާ އާއި ޝުއައިބު ޓުވިޓާގައި ނޫން ކަމަށެވެ. އެ ދުވަހަށް ކެތްތެރިވުމަށް ނިހާން ނަސޭހަތް ދެއްވި އެވެ.
"ވަގުތު ޖެހުނީމަ އެކަން ހިނގާނެ. އެކަން ކުރަން ޝުއައިބު ތަނެއްގެ މަތިން އަނެއްކާ ފުންމާނުލާތި، ވަރަށް ސަލާމް،"
އިންތިޚާބު ބާތިލުކުރަން އުޅުމާ ގުޅޭ ގޮތުންނާއި ސޯޝަލް މީޑިއާގައި އޭނާ ދެއްވި ރައްދުތަކާ ގުޅޭ ގޮތުން، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ނިހާން ވާހަކަ ދެއްކެވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ބާތިލުކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި "ތޮޅުންގަނޑެއް" އުޅުނީ އެއްވެސް ސަބަބެއް އޮވެގެން ނޫނެވެ. އިންތިޚާބު ބާތިލުކުރަން އެ ޕާޓީން އެއްވެސް މައްސަލައެއް ހުށަނާޅާ ކަމުގެ ޔަގީންކަން އޭނާ އަށް ސުވާލު އަމާޒުކުރެއްވި އެންމެންނަށް ދެއްވި އެވެ. އެކަމަކު، އިންތިޚާބާ ގުޅިގެން ޕާޓީގެ އޮފީހަށް ހުށަހަޅާ ޝަކުވާތައް ބަލައި، އޭގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭ މައްސަލައެއް ހުރިތޯ ބެލުމަކީ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ޕީޕީއެމުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި، އެ މައްސަލަތައް ނޯޓު ކޮށްފައި، ޕާޓީ އޮފީހުގައި ބާއްވަން ވިޔަސް އެއީ ޕީޕީއެމުން ކުރާނެ ކަމެކެވެ.
ސޯޝަލް މީޑިއާގައި ރޭ އުފެދުނު ހަމަނުޖެހުންގަނޑަށް އަމާޒުކޮށް ނިހާން ވިދާޅުވީ ރާއްޖޭގައި މައްސަލައަކީ "އެންމެން ސިޔާސީ މީހުންނަށް ވުން" ކަމަށެވެ.
"ރާއްޖޭގެ މައްސަލައަކަށް ވެގެން މިދިޔައީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި ހުރިހާ މީހުން ސިޔާސީ މީހުންނަށް ވެއްޖެ. އެ ހެޔޮ، ހޮޅުއައްޓަކަސް، އެ ހެޔޮ މަތިންދާބޯޓު ދުއްވަން އިންނަ މީހަކަސް، އެ ހެޔޮ ޑޮކްޓަރަކަސް. ސިޔާސީ އެ ކަންތައްގަނޑު މުޅި ގައުމުގައި އެނބުރެންވެއްޖިއްޔާ ވަރަށް ގިނަ ދަތިތައް ނުކުންނާނެ. މިކަން މީ، މިކަން ކުރާ މިހުންނާ ހަވާލު،" ނިހާން ވިދާޅުވި އެވެ.
މިއީ، ނިހާންގެ ވިސްނުން ހުރި ގޮތް ކަމަށް ވާނަމަ ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ރާވާ ކަންކަމަށް ބަސް ބުނުމަކީ ސިޔާސީވުން ކަމަށް ދެކޭ ނަމަ، ޕީޕީއެމްގެ ވިސްނުން ގޯހެވެ. ސަބަބަކީ، އިސްލާމް ދީނުގެ އަސާސްތަކާއި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު ނުވާ ގޮތެއްގެ މަތިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގަކަށް ވާތީ އެވެ.
ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަގާމެއްގައި ހުންނަވައި ޖަވާބުދާރީވުމަކީ ނިހާންގެ ރަނގަޅު އެއް ސިފަ އެވެ؛ އެކަމަކު ޖަވާބުދާރީވެވަޑައިގަތުމުގައި ވާހަކަ ދައްކަވަން ޖެހޭނީ ވެސް ހަމަޖެހޭ އުސޫލަކުންނެވެ. ރައްޔިތުންނަށް ހަމަޖެހިގެން ތިބެވޭނީ އޭރުންނެވެ. މި ވާހަކަތަކުން ވެސް އިތުރަށް ރުޅި ގަދަވުން ނޫން ކަމެއް ނުވާނެ އެވެ.