26 ސެޕްޓެމްބަރ 2018 - 23:36

ޕީޕީއެމުން މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި މަޝްވަރާ ކުރީ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެ ޕާޓީގެ ކޮންގްރެސްއާ ގުޅޭ ގޮތުން ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެ އެވެ.
ސަކީނާ މަންޒިލްގައި ބޭއްވި ބައްދަލުވުމުގައި، ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުން ބޭއްވީ، އާދީއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ޕީޕީއެމުން ކޯޓަށް މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.
އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އިންތިޚާބު ބާތިލްކުރަން އެ ޕާޓީން އެއްވެސް މައްސަލައެއް އެއްވެސް މުއައްސަސާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ކައުންސިލް ބައްދަލުވުމުގައި ވެސް އެކަމާ ގުޅޭ މަޝްވަރާއެއް ނުކުރާ ކަމަށާއި އެ ބައްދަލުވުން ޚާއްސަވީ ކޮންގްރެސްގެ އިންތިޒާމްތަކަށް ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ކުރިމަގު ކަނޑައަޅާ އެ ކޮންގްރެސްއަށް އަތޮޅުތަކުން ވެސް މީހުން އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި ޕީޕީއެމް ދެން ހިންގާނީ އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގަ އެވެ. އެއީ، ވެރިކަން ކުރާ ޕާޓީއަށް ވުރެން މާބޮޑު، ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އެ ނަތީޖާއާ އެކު ބަލި ގަބޫލުކުރައްވައި ރައީސް ޔާމީން ވަނީ އިބޫ އަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އެކަމަކު އެ އިންތިޚާބުގެ ބައެއް މައްސަލަތައް ޕީޕީއެމުން މިހާރު ވަނީ ފާހަގަކޮށް، އީސީ އަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
މި އިންތިޚާބު ބާތިލު ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ، ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރި އަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު އެދިވަޑައިގެންފައި ވާތީ އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އެހެންވެ، މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ނިހާން ފޮނުވި މި މެސެޖް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު، ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ މިއީ ނިހާން ފޮނުއްވެވި ސައްހަ މެސެޖެއްކަން ކަށަވަރު ކޮށްދީފަ އެވެ.