ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން ފަސްކުރަން އަލީ ވަހީދު ދެކޮޅު!
ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން ފަސްކުރަން އަލީ ވަހީދު ދެކޮޅު!

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރަން ޕީޕީއެމުން އެދިފައިވަނިކޮށް އެ ޕާޓީގެ ސުލޫކީ ކޮމިޓީގެ މުގައްރިރު އަދި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ވަހީދު މިރޭ އެކަމާ ދެކޮޅު ހައްދަވައިފި އެވެ.

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި އިސްކޮށް އުޅުއްވި އަލީ ވަހީދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ނިމިގެން ދިޔަ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބެއް ކަމަށް ރައީސް އަބްދުﷲ ޔާމީނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ޕީޕީއެމުން ގަބޫލު ކޮށްފައިވަނިކޮށް، އިންތިޚާބުގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ، އީސީ އަށް ޕީޕީއެމުން ހުށަހެޅުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"މިއަށް ވުރެ ޒިންމާދާރު ކަމާ އެކީގައި ސުލްހަ އާއި މަސްލަސްކަން ހިފެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ. މިކަން ކުރުމަކީ ރާއްޖޭން ބޭރުގެ އެކި ޕްރެޝަރުތައް ކުރިމަތިވާނެ ކަމެއް. އަޅުގަނޑު އެދެނީ މިކަން މި ގޮތަށް ނުކުރަން،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، އެކަން އެގޮތަށް ކުރާ ނަމަ، ވަރަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފާނެ އެވެ.

އިންތިޚާބުގެ ނަތީޖާއާ މެދު ޕީޕީއެމްގެ މެމްބަރުން މާޔޫސްވެފައި ތިއްބަސް، ރައްޔިތުންގެ އަޣުލަބިއްޔަތުން އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ މައްސަލައެއް ދެ ދުވަސްވީއިރު ހުށަހެޅިފައެއް ނެތް. ކުއްލިއަކަށް މިކަން މިގޮތަށް ވުމަކީ ރައްޔިތުން ގަބޫލު ނުކުރާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަލީ ވަހީދު ވިދާޅުވި އެވެ.

އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ. އެހެންކަމުން، ރައީސް ޔާމީނާއި އިބޫއާ ދެމެދު 38000 އަށްވުރެ ގިނަ ވޯޓުގެ ތަފާތެއް އުޅެ އެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.

އިންތިޚާބު ބާތިލު ކުރަން ކޯޓަށް މައްސަލައެއް ވެއްދި ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އެހެންވެ، މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނިހާން ފޮނުވި މި މެސެޖް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު، ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ މިއީ ނިހާން ފޮނުއްވެވި ސައްހަ މެސެޖެއްކަން ކަށަވަރު ކޮށްދީފަ އެވެ.