10 އޯގަސްޓް 2016 - 06:23

ބޮލީވުޑް އެކްޓަރު ޕްރިޔަންކާ ޗޯޕްރާގެ ހުރިހާ ވަގުތެއް މިހާރު ހުސްކޮށްފައި ވަނީ މިހާރު ކުޅެމުންދާ އެމެރިކަން ސީރީޒް "ކުއަންޓިކޯ 2" އަށެވެ. މި ސަބަބާ ހެދި އޭނާ ވަނީ ހޮލީވުޑް ހަ ފިލްމެއް ކުޅެން ލިބުނު ފުރުސަތަށް ވެސް ނޫނެކޭ ބުނެފަ އެވެ. އަދި ބައެއް ބޮލީވުޑް ފިލްމުތައް ވެސް ޕްރިޔަންކާ އަށް ކުޅެވޭ ގޮތެއް ނުވި އެވެ.

ހޮލީވުޑް ގިނަ ފިލްމުތަކެއް ޕްރިޔަންކާ އަދި ކުޅެފައި ނެތަސް އޭނާ އަކީ މިހާރު ވެސް އެ އިންޑަސްޓްރީގައި ވަރަށް ނަން މަޝްހޫރު ބަތަލާއަކަށް ވަނީ ވެފަ އެވެ.
މުމްބާއީ މިރާ އަށް ދާދިފަހުން ޕްރިޔަންކާ ދީފައިވާ އިންޓަވިއުއެއްގައި ބުނީ މުމްބާއީގައި އެންމެ ފަހުން ހުރި ދުވަސްކޮޅު މަޝްހޫރު ޑައިރެކްޓަރުންގެ ތެރެއިން ސަންޖޭ ލީލާ ބާންސާލީ، ކަރަން ޖޯހަރް، ޒޯޔާ އަޚްތަރު، ފަރްހާން އަޚްތަރު ފަދަ ގިނަ ބަޔަކާ ބައްދަލުކުރި ނަމަވެސް އެމީހުން ހުށަހެޅި އެއްވެސް ފިލްމެއް ކުޅެދޭން އެއްބަސް ނުވާ ކަމަށެވެ. ސަބަބު ވެސް ޕްރިޔަންކާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް "ކުއަންޓިކޯ"ގެ މަސައްކަތުގައި އޭނާއަށް އުޅެން ޖެހޭނީ ވަރަށް ބުރަކޮށެވެ. ސަބަބަކީ އޭނާގެ ކޮންޓްރެކްޓް އޮތް ގޮތުން އެ ސިލްސިލާ ނުނިމެނީސް އެހެން އެއްވެސް ކަމެއް ކުރާނެ ފުރުސަތު ނެތީމަ އެވެ.
"ކުއަންޓިކޯ" ސީޒަން 2ގެ މަސައްކަތާ ހެދި ބޮލީވުޑް އަދި ހޮލީވުޑް ފިލްމު ކުޅުމަށް ލިބޭ ފުރުސަތުތައް ގެއްލުމަކީ ޕްރިޔަންކާ ހިތާމަކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ހުރީ "ކުއަންޓިކޯ"ގެ ތިން ވަނަ ސީޒަނެއް ވެސް ފަށާ ނަމަ އޭގައި ވެސް މަސައްކަތްކުރަން ތައްޔާރެވެ. ސަބަބަކީ ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި އެ ސީރީޒް ދައްކާތީ އޭނާގެ ފިލްމްތައް ނުފޯރާ ހިސާބަށް މި ސިލްސިލާތައް ފޯރައި ދުނިޔޭގެ ގިނަ ބަޔަކަށް އޭނާއަކީ ކާކުކަން އެނގުމުގެ ފުރުސަތު ބޮޑުވީމަ އެވެ.
"ކުއަންޓިކޯ"ގެ ޝޫޓިން ކުރިޔަށް ދާ ދުވަސްވަރު އޭނާ އެހެން ފިލްމުތަކުގައި ބައިވެރިވުން މަނަލެއް ނޫނެވެ. ޝަރުތަކީ އެ ސީރީޒްގެ ކަނޑައެޅިފައިވާ ޝެޑިއުލްގައިވާ ތާރީޚްތަކުގައި ޕްރިޔަންކާ މަސައްކަތް ކޮށްދިނުމެވެ.
ނަމަވެސް ޕްރިޔަންކާ ބުނީ "ކުއަންޓިކޯ" ކުޅެމުން އިތުރު ހޮލީވުޑް ފިލްމެއް ކުޅެން ގަސްތު ނުކުރާ ކަމަށެވެ. އެ ސަބަބާ ހެދި އޭނައަށް ލިބުނު ހަ ޕްރޮޖެކްޓަކަށް މިހާތަނަށް ނޫނެކޭ ބުނެފައި ވާނެކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
އެކި އިންޑަސްޓްރީތަކުން ލިބެމުންދާ ގިނަ ފިލްމުތަކަކަށް ނޫނޭކޭ ބުނަމުންދާ ކަމަށާއި އަހަރަކު ކޮންމެވެސް އެއް އިންޑަސްޓްރީއެއްގެ އެއް ފިލްމެއް ކުޅެން ވިސްނާ ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ. އޭނާ ބުނީ އެގޮތަށް ކުޅޭނެ ފިލްމުތައް ޚިޔާރުކުރާނީ ސްކްރިޕްޓަށް ބަލާފައި ކަމަށެވެ.
ޕްރިޔަންކާ ފިލްމެއް ކުޅެން ސޮއި ނުކުރިޔަސް ހެއިޑީ ކްލޫމްގެ ޕްރޮޖެކްޓް ރަންއަވޭ 15 ގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާން އޭނާ ވަނީ ސޮއިކޮށްފަ އެވެ.