26 ސެޕްޓެމްބަރ 2018 - 22:49

ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރަން އެއްވެސް މައްސަލައެއް ހައި ކޯޓަށް މިހާތަނަށް ހުށަހަޅާފައި ނެތް ކަމަށް އެ ކޯޓުން މިރޭ ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނިކޮށް، ވެރިކަން ކުރާ ޕީޕީއެމުން އިންތިޚާބު ބާތިލްކުރަން ކޯޓަށް ދާން ނިންމި ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެކަމާ ގުޅޭ ގޮތުން ޕީޕީއެމުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.
ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް މި ރޭ ވިދާޅުވީ އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހައި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބަލާނީ ހައި ކޯޓުންނެވެ. އެ ބާވަތުގެ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާން ކުރާތާ ވަކި މުއްދަތެއްގެ ތެރޭގައި ހުށަހަޅަން ޖެހެ އެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި އެ ބާވަތުގެ މައްސަލަތައް ނިންމަންޖެހެ އެވެ.
އިންތިޚާބު ބާތިލްކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރުނީ އިންތިޚާބާ ގުޅޭ މައްސަލަތައް ޕީޕީއެމްގެ އޮފީހަށް ފޮނުވުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މެމްބަރުންގެ ކިބައިން ވައިބާ ގްރޫޕެއްގައި އެދިވަޑައިގެންފައިވާ މެސެޖެއް އާންމުވުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވީ 134،616 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިިގަތީ 96،132 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 41.6 ޕަސެންޓްގެ ވޯޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގެ ރައީސް ކަމަށް ބޭފުޅަކު ހޮވިވަޑައިގަތް ފުރަތަމަ ފަހަރެވެ.