26 ސެޕްޓެމްބަރ 2018 - 22:44

ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ގޮތް ބަދަލުކުރަން ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމުން ކަންތައްތަކެއް ރާވަމުން ގެންދިޔަސް އެ ފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި އިންތިޚާބު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ޔާމީނާއި ޕީޕީއެމުން ބަލި ގަބޫލުކުރުމަށް ފަހު މިހާރު ކުއްލިއަކަށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައި، ރަސްމީ ނަތީޖާ އިއުލާންކުރުން ފަސްކުރަން އެދިފައިވާ ކަމުގެ ޚަބަރާ ބެހޭ ގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ނަތީޖާ ބަދަލުކުރަން ރާވަމުންދާ ރޭވުންތަކަށް އިދިކޮޅު ކޯލިޝަނުން ފާރަވެރިވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި "މައްސަލަތަކެއް ހޯދައިގެން، ހަދައިގެން އެއްޗެހިތަކެއް ތައްޔާރުކޮށްގެން" ނަތީޖާއާ ކުޅެން މަސައްކަތް ކުރަމުންދާ ކަން އެނގިފައިވެ އެވެ. އޭގެ ތެރޭގައި، ވޯޓު ކަރުދާސް ޗާޕުކުރި އެމް7ގެ ތެރޭގައި ކަންތައްތަކެއް ހިނގި ކަމަށް ދައްކަން އުޅުމާއި "ގަނެފައި" ހުރި އައިޑީ ކާޑުތަކެއް ބޭނުންކޮށްގެން އެމްޑީޕީ ފްރޭމްކުރަން އުޅުން ހިމެނޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"މިއަދު އެ އައިޑީ ކާޑުތައް އެމްޑީޕީގެ ކޮންމެވެސް ހަރުގެއަކަށް އެޅޭތޯ ވެސް މަސައްކަތްކޮށް، އެމްޑީޕީން ކުރި ކަމެއް ކަމަށް ދައްކަން އުޅެފި. އެ ކަން ވެސް ކާމިޔާބެއް ނުވި. ދެން އައިޑީ ކާޑުތައް ކޯޓަށް ވެސް ނުވަތަ އަނެއް ތަނަކަށް ވެސް ހުށަހަޅާފާނެ، މިއީ ކިތާބީ ހެއްކޭ ކިޔާފައި. އެތައް، އެތައް ކަމެއް އެބަ ރާވާއޭ،" ޝިފާޒް ތުހުމަތުކުރެއްވި އެވެ.
"އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނަށް ސާފުކޮށް އެބަ އެނގޭ ނޫންތޯ، މިއަދު ވަކި ތަނެއްގައި ތިބެގެން މައްސަލަތަކެއް ހޯދައިގެން ހަދައިގެން އެއްޗެހިތަކެއް ތައްޔާރުކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާކަން. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ފުލުހުންނަށް ވެސް އެނގޭނެ މިކަން."
އިންތިޚާބުގެ ނަތީޖާ އަށް އަސަރުކުރާ ވަރުގެ ކަމެއް ނުހިނގާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ކަމާއި ރައީސް ޔާމީން އަމިއްލަފުޅަށް ބަލި ގަބޫލުކުރައްވާފައިވާ އިރު ދުނިޔޭގެ އެތައް ގައުމަކުންނާއި ރާއްޖޭގެ މުއައްސަސާތަކުން ވެސް އިންތިޚާބުގެ ނަތީޖާ ބަލައިގެންފައިވާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ "އެހެންވީމާ މިފަދަ ނާތަހުޒީބު މުޑުދާރު ކަންކަން" ކުރަން އެއްވެސް ފަރާތަކުން ޖާގަ ނުދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
"އެއްވެސް މުއައްސަސާއަކުން ވެސް މި ކަމަށް އެއްބާރުލުން ނުދީ އެ މުއައްސަސާއަކުން ކުރަންވީ ކަންކަމައިގެން އުޅެންވީ. އިލެކްޝަންސް ކޮމިޝަނުން ކުރަންވީ ކަމަކީ އެ ބޭފުޅުން އެ ވިދާޅުވި ގޮތަށް ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރަންވީ،" އޭނާ ވިދާޅުވި އެވެ.
"އިތުރަށް މި ރާއްޖެ ހަލަބޮލިކުރުމަށް، މި ރާއްޖެ ފާލުން ނައްޓާލުމަށް މަސައްކަތް ނުކުރައްވާށޭ، އެއްވެސް މުއައްސަސާއަކުން ވެސް. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ވެސް އަދި ސިފައިންގެ ޚިދުމަތުގައި ތިއްބެވި ބޭފުޅުން ވެސް މި ކަންކަމަށް ޖާގަ ނުދެއްވާށޭ. އަޅުގަނޑަށް އެނގޭ، އިރާދަކުރެއްވިއްޔާ ނުވެސް ދެއްވާނެކަން."
ޝިފާޒު ވިދާޅުވީ އިންތިޚާބުގެ ތެރޭގައި "ކުރަން ރާވައިގެން ހުރި ކަންކަން ރައްޔިތުން ވަނީ ފެއިލްކޮށްލާފައި" ކަމަށާއި ދެން އޮތް ތަނުގައި ވެސް "ރައްޔިތުން ލީ ވޯޓު ރައްޔިތުން ހިމާޔަތްކުރާނެ" ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ހޯދި ކާމިޔާބެއް މިއީ. އެ ކާމިޔާބު ދަމަހައްޓާނީ ރާއްޖޭގެ ރައްޔިތުން،" އޭނާ ވިދާޅުވި އެވެ. .
"އިންތިޚާބަށް ފަހަށް ވެސް އަބްދުﷲ ޔާމީން ކަން ކުރާ ގޮތް ނޭނގިއެއް [އަޅުގަނޑުމެނެއް] ނުތިބެން. އެހެންވީމާ އެކަން ކުރާ ކުރުމަށް އަޅުގަނޑުމެން ފާރަވެރިވާނަން. ފާރަވެރިވަމުން މި ދަނީ."
އިންތިހާބު ބާތިލު ކުރުވަން ޕީޕީއެމުން މަސައްކަތް ފަށައިގެން އުޅޭ ކަމަށް ތުހުމަތުކުރައްވައި އެންމެ ފުރަތަމަ ވާހަކަދެއްކެވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމްގެ އާންމު މެންބަރުން ލައްވާ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު އަހުމަދު ބުންޔާމީން އިސްވެ ހުންނަވައި ހުޅުމާލޭގައި ޝަކުވާ ފޯމު ފުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އަދި އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރިއަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ފޮނުއްވި މެސެޖުތަކެއް ވަނީ އާއްމުވެފަ އެވެ. ނިހާން ވިދާޅުވެފައި ވަނީ ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އެހެންވެ، ޕީޕީއެމްގެ މަޖިލިސް މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ