26 ސެޕްޓެމްބަރ 2018 - 21:32

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްދިނުމަށް އެދި، ވެރިކަން ކުރާ ޕީޕީއެމުން އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.
އެ ކޮމިޝަންގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ އިންތިޚާބާ ގުޅޭ މައްސަލަތަކެއް ފާހަގަކޮށް، ފޮނުވި ސިޓީގައި އެދިފައި ވަނީ އެ މައްސަލަތަކާ މެދު ގޮތެއް ނިމެންދެން ނަތީޖާ އިއުލާންކުރުން ފަސް ކޮށްދިނުމަށެވެ. އެއީ، ކޮން މައްސަލަތަކެއް ކަމެއް މެމްބަރު ވިދާޅެއް ނުވެ އެވެ.
އެ ސިޓީގައި ޕީޕީއެމުން އެދިފައިވާ މައްސަލައާ މެދު ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ ބާއްވައި ގޮތެއް ނިންމާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
"ވަކި ގޮތަކަށް އަމަލުކުރަން އެދިފައިވީ ނަމަވެސް ކޮމިޝަނުން ކުރިއަށް ގެންދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް،" މެމްބަރު ވިދާޅުވި އެވެ.
ގާނޫނުގައި ބުނާ ގޮތުން ވަގުތީ ނަތީޖާ އިއުލާންކުރާތާ ހަތް ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހެ އެވެ.
އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.
މި ނަތީޖާ ގަބޫލުކުރެއްވި ކަން އިންތިޚާބަށް ފަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ޕީޕީއެމުން އިންތިޚާބާ ގުޅޭ މައްސަލަތަކެއް ހޯދައި އިންތިޚާބު ބާތިލު ކޮށްދޭން އެދި ހައި ކޯޓަށް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.
ނަމަވެސް އެ ކޯޓުން މި ރޭ ބުނީ އެފަދަ އެއްވެސް މައްސަލައެއް މިހާތަނަށް އެ ކޯޓަށް ހުށަނާޅާ ކަމަށެވެ.
މީގެ އިތުރުން، ރިޝްވަތުގެ ތުހުމަތުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ހައްޔަރު ކުރަން އުޅޭ ކަމަށް ވެސް ސޯޝަލް މީޑިއާގައި ތުހުމަތު ކުރެ އެވެ.
މި އިންތިޚާބުގައި ބޮޑު މައްސަލަތަކެއް ދިމާ ނުވާ ކަމަށް އީސީން ވެސް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ވޯޓާސް ލިސްޓުގައި މައްސަލައެއް ނެތް ކަން ކޮމިޝަނުން ފާހަގަކުރެ އެވެ. އެހެން އިންތިޚާބުތަކުގައި އެންމެ ބޮޑު ޝަކުވާއަކަށް ވަނީ، ވޯޓާސް ލިސްޓުގެ މައްސަލަ އެވެ.
އިންތިޚާބު ބާތިލު ކުރަން ކޯޓަށް މައްސަލައެއް ވެއްދި ކަމުގެ އަޑުތައް މި ފެތުރުނީ، ރިޔާސީ އިންތިހާބާ ގުޅޭ "ޚަބަރު"ތައް ހުރީ ކުރި އަށް ކަމަށާއި ވޯޓާ ގުޅޭ ގޮތުން ހުރި މައްސަލަތައް، ވީހާ ވެސް އަވަހަކަށް ޕާޓީގެ އޮފީހަށް ފޮނުވައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ކިބައިން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު އެދިވަޑައިގެންފައި ވަނިކޮށެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ވައިބާ ގުރޫޕަށް ނިހާން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ވޯޓުލެވޭ މީހުންގެ ގޮތުގައި ގެޒެޓްކުރި ލިސްޓުގައި ނަން އޮވެފައި، ވޯޓުލާން ދިޔަ އިރު، އެހެން ތަނެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުންދާ ކަމަށެވެ. އެހެންވެ، މެމްބަރުން ނިސްބަތްވާ ދާއިރާތަކުގައި މި ފަދަ މައްސަލަތައް ހުރިތޯ ބަލައި، އެ މައްސަލަތައް ޕާޓީގެ އޮފީހަށް އަވަހަށް ފޮނުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ނިހާން ފޮނުވި މި މެސެޖް ސޯޝަލް މީޑިއާގައި އާއްމު ވެފައިވާ އިރު، ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ވަނީ މިއީ ނިހާން ފޮނުއްވެވި ސައްހަ މެސެޖެއްކަން ކަށަވަރު ކޮށްދީފަ އެވެ.