27 ސެޕްޓެމްބަރ 2018 - 08:03

ކުޑަކޮށް ކަސްރަތުކޮށްލިޔަސް އިސާހިތަކު އެ މީހެއްގެ ސިކުނޑިއަށް ހެޔޮ ބަދަލުތައް އައިސް ހަނދާން ގަދަވާ ކަމަށް ޖަޕާނުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.
ކޮލެޖަށް ދާ އުމުރުގެ 36 ފިރިހެނަކު ބައިވެރިކޮށްގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި ކަސްރަތުކުރާ ބައިސްކަލެއްގައި އެންމެ 10 މިނެޓް ވަންދެން ކަސްރަތުކުރުމަށް ފަހު، މެމަރީ ޓެސްޓް ހަދާއިރު ވެސް، ކަންކަން ހަނދާންކުރުމުގެ ބާރު ގަދަވެ އެވެ.
ކަސްރަތުކުރުމުން ހަނދާން ގަދަވަނީ ސިކުނޑީގައި ހަނދާންތައް ރައްކާކުރާ ބައިތަކުގެ މެދުގައި، ކަސްރަތުގެ ސަބަބުން މުއާސަލާތުކުރުން އިތުރުވާތީ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ އޮފް ޝުކޫބާގެ އެޑްވާންސް ރީސާޗް އިނިޝިއޭޓިވް ފޯ ހިއުމަން ހައި ޕަފޮމަންސްގެ ޗެއާމަން ހައިޑިއާކީ ސޯޔާ ވިދާޅުވި ގޮތުގައި މިއީ ވަރަށް އާދައިގެ ކަސްރަތަކުން ވެސް ސިކުނޑި އަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމުގެ ހެކި ލިބުނު ހައިރާންކުރުވަނިވި ދިރާސާއެކެވެ.
ސޯޔާ ވިދާޅުވީ މިއީ އެކި ސަބަބުތަކާ ހެދި، ބުރަކޮށް ކަސްރަތު ނުކުރެވޭ މީހުންނަށް ލިބުނު އުފާވެރި ޚަބަރަކަށް ވާނެ ކަމަށެވެ. ސަބަބަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ލުއި ކަސްރަތަކުން ވެސް ސިކުނޑިއަށް ފައިދާކުރާކަން ކަށަވަރުވާތީ އެވެ.
ކުޑަ ވަގުތުކޮޅަކު ކަސްރަތު ކުރުމުން ވެސް ފައިދާކުރާ ކަމަށް ދެއްކިޔަސް، އެންމެ މަދު މިންވަރަކީ ކޮބައި ކަމެއް މި ދިރާސާއަކުން ނޭނގެ އެވެ. ނަމަވެސް ބުނެފައި ވަނީ ދިހަ ވަރަކަށް މިނެޓުގެ ކަސްރަތުން ފައިދާކުރާކަން ޔަގީންވާ ކަމަށެވެ.
ދިރާސާއިން މިހެން ދެއްކި ނަމަވެސް މިކަމާ ބެހޭ ގޮތުން އިތުރަށް ހޯދަންޖެހޭ ކަންކަން އެބަހުރި ކަމަށާއި މިފަދަ އެހެން ދިރާސާތަކުން ހަމަ މި ނަތީޖާ ނިކުމޭތޯ ބަލަން ޖެހޭނެ ކަމަށް ވެސް ސޯޔާ ވިދާޅުވި އެވެ.