26 ސެޕްޓެމްބަރ 2018 - 20:03

އިދިކޮޅު ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމުން، ރައްޔިތުންނަށް ވި ވައުދު ފުއްދުމުގެ ފުރުސަތު ދިނުމަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށް އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފައިސަލް އެހެން ވިދާޅުވި އިރު ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމުން އެ އިންތިހާބު ބާތިލު ކުރުމުގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ކުރައްވަމުން ގެންދަވާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގަ އެވެ.
އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު ހަވީރު އެމްޑީޕީ ހަރުގެ ކުރިމަތީގައި ކޭކު ފެޅުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ކުރިން އޮތް ސިޔާސީ ހިޔާލު ތަފާތުވުން މިއަދު ބަލަން ބޭނުންނުވާ ކަމަށާއި ހުރިހާ ރައްޔިތުން ވެސް ހަމަހަމަ ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވައުދުވި ގޮތަށް، ދިވެހި ރައްޔިތުންގެ ތެރެއިން، ހުރިހާ ރައްޔިތުން ކުރެއްވި ބުރަ މަސައްކަތް [މިއީ]، އެހާ ބާރަށް، ހިތްވަރާއި އަޒުމާއެކު، ރެއާއި ދުވާލު މި މަސައްކަތް [ކެމްޕޭން] ކުރެއްވީ. ﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިއަދު މިއޮތީ ކާމިޔާބު ލިބިފައި،" އޭނާ ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ލިބުނު ކާމިޔާބާއެކު ހިތްތިރިކޮށްފައި، ކެތްތެރިކަމާއެކު އަނެއްކާ ވެސް މަސައްކަތް ފަށައިގަންނަން ޖެހޭ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑުމެން މަސައްކަތްތައް އޮތީ ކުރިޔަށް. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގާފައި ހުރި ކަންތައްތަކުން ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
"ވޯޓު ދިން މީހުންނާއި ވޯޓު ނުދޭ މީހުންނަކީ އަޅުގަނޑުމެންގެ މަސައްކަތުގައި ބަލާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުގައި ހިދުމަތް ދޭނީ މުޅި ދިވެހި ރައްޔިތުންނަށް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބު ނިމިގެން ދިޔަ އިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައިނުވާ ކަމަށެވެ. އަދި އެކަމަށްޓަކައި ފުލުހުންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
"އަޅުގަނޑު މިއަދު ވެސް ގޮވާލަން ބޭނުންވަނީ ފުލުހުންގެ ހިދުމަތަށާއި އެމްއެންޑީއެފް އިން ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި، އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލުވާ އިރު، މަސައްކަތްތައް ބަދަލު ވެގެންދާއިރު އެ ބޭފުޅުން އެކަށީގެންވާ ގޮތަށް ޒިންމާ އަދާކުރައްވައި، އަޅުގަނޑުމެންނަށް އެ ބޭފުޅުންނަށް ކޮށްދެވެން އޮތް ކަމެއް ގާނޫނީ ގޮތުން ކޮށްދެއްވަން ޖެހޭ ކަންތައްތައް ކޮށްދެއްވައި، ފަސޭހަކަމާއެކު، އެއްވެސް ހަމަނުޖެހުމެއް ނެތި މި ކަންތައް ކުރިޔަށް ދިއުމަށް،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވަނީ މިދިޔަ ދުވަސްތަކުގައި ދެއްކެވި ރީތި ނަމޫނާ ކުރިޔަށް އޮތް ތަނުގައި ވެސް ދެއްކެވުމަށް ގޮވާލައްވައިފަ އެވެ.