މައުމޫން ގެއަށް ބަދަލު ނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި
މައުމޫން ގެއަށް ބަދަލު ނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޖަލުގައި ނުބަހައްޓައި ގެ އަށް ބަދަލު ކުރުމަށް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނިންމުމުން ވެސް، އެ މަނިކުފާނު ގެއަށް ބަދަލުނުކޮށް ޖަލުގައި ބަހައްޓާތީ އާއިލާގެ ފަރާތުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މައުމޫންގެ އާއިލާގެ ފަރާތުން މި ކަންބޮޑުވުންތައް ފާޅުކުރީ، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ)ގެ އަރިހަށް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އާއި ދަރިކަނބަލުން ޔުމްނާ މައުމޫނާއި އޭނާގެ ފިރިކަލުން މުހައްމަދު ނަދީމް މިއަދު ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރޭގަ އެވެ. އެ ބައްދަލުކުރެއްވުމަށް ފަހު، ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިބޫ އާ ބައްދަލުކުރައްވައި މަރުހަބާ ދެންނެވުމަށް ފަހު، މައުމޫނު ގެއަށް ބަދަލު ނުކޮށް ޖަލުގައި ހުންނަ މައްސަލައިގެ ކަންބޮޑުވުން ހިއްސާކުރެއްވި ކަމަށެވެ.

މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަދިވެސް ނުބާއްވާތީ، މައުމޫންގެ ފަރާތްޕުޅުން އެ މައްސަލަ އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އިއްޔެ ރޭ ކޯޓަށް ހާޒިރު ކުރުމަށް ފަހު، ބަންދުން ދޫކުރުމާ މެދު ގޮތެއް ނުނިންމައި އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މައުމޫންގެ އިތުރުން، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަސަން ސައީދެވެ.