26 ސެޕްޓެމްބަރ 2018 - 16:37

އައްޑޫ އިންޓެގްރޭޓެޑް ޓޫރިޒަމް ޒޯންގެ ދަށުން ކަނޑައަޅާފައިވާ ޒޯންތަކުން ބިޑް އުސޫލުން ބިން ދޫކުރަން ކުރި އިއުލާން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ބާތިލުކޮށްފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ "އައްޑޫ ސިޓީ އިންޓަގްރޭޓަޑްގެ ޓޫރިޒަމް ޒޯން ދަށުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް އައްޑޫ ސިޓީން ބިން ދޫކުރުރުމާ ގުޅޭ ގޮތުން 2018 ސެޕްޓެމްބަރު 13 ވީ ދުވަހު ކުރެވުނު އިއުލާން ބާތިލްކޮށްފީމެވެ." މިހެންނެވެ. އެ އިއުލާން ބާތިލުކުރި ސަބަބެއް އެމްއައިޓީޑީސީން ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން އައްޑޫން ބިން ދުކުރަން ނިންމީ އެ ސިޓީގެ ހިތަދޫ، ފޭދޫ، މަރަދޫ، ހުޅުދޫ، މީދޫ އަދި ހިކަހެރައިން ކަނޑައަޅާފައިވާ ޓޫރިޒަމް ޒޯންތަކުން ޓޫރިޒަމްގެ ވިޔަފާރި ކުރުމަށް ބިން ބޭނުންވާ ފަރާތްތަކަށެވެ.
ކުރިން ކުރި އިއުލާނުގައިވާ ގޮތުން އެމްއައިޓީޑީސީން އެ މަޝްރޫއުގެ ބިޑް ފޮތް ވިއްކުމާއި ބިޑް ބަލައިގަތުން ކުރިއަށް ގެންދަން ނިންމާފައި ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވަން ހަމަޖައްސާފައި ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. ބިޑް އިވެލުއޭޓްކުރުން ކުރަން ނިންމާފައި ވަނީ އޮކްޓޯބަރު 1 ން 4 ގެ ނިޔަލަށް ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ. އަދި ހުށަހަޅާ ބިޑްތައް ހުޅުވުން އޮންނާނީ އޮކްޓޯބަރު 1 ވަނަ ދުވަހުގެ މެންދުރު 2:00 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.