ޝާހްރުކާއި އާނަންދު އެލް ރާއީ ގުޅިގެން ފިލްމު ހަދަނީ
ޝާހްރުކާއި އާނަންދު އެލް ރާއީ ގުޅިގެން ފިލްމު ހަދަނީ

ގުޅިގެން ފިލްމުތަކެއް ހަދަން، މަޝްހޫރު އެކްޓަރު ޝާހްރުކް ހާނާއި ކުޅަދާނަ ޑައިރެކްޓަރު އާނަންދް އެލް ރާއީ އަތު ގުޅާލައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރާއީގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ބަތަލުގެ ރޯލް ކުޅެފައިވާ ޝާހްރުކް ހާނާއި ރާއީ ފިލްމްތަކެއް އުފައްދަން އެއްބަސްވުމަކަށް އައީ ކުރިއަށް އޮތް ފަސް އަހަރަށެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި މާ ބޮޑު ނޫން ބަޖެޓްތަކުން، ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް ހިމެނޭ ފިލްމުތައް ގެނެސް ދޭނެ އެވެ.

ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އަކީ ޝާހްރުކް އެކްޓް ކުރުމުގެ އިތުރަށް އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ރާއީގެ ކަލާ ޔެލޯ ޕްރޮޑަކްޝަންސް ގުޅިގެން ހަދާ ފިލްމެކެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝާހްރުކާއި ރާއީ ގުޅިގެން ފިލްމުތަކެއް ގެނެސް ދޭން ނިންމީ "ޒީރޯ" ގެ ތަޖުރިބާ އިން ދެ މީހުންގެ މެދުގައި އުފެދުނު ގާތް ގުޅުމާއި އިތުބާރުގެ ސަބަބުންނެވެ.

މީގެ އިތުރުން ރާއީ ޕްރޮޑިއުސްކޮށް ގެނެސް ދީފައިވާ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މުއްކަބާޒް"، "ޝުބް މަންގަލް ސާވްދާން"، "މަންމަރްޒިޔާން" އަދި މިދިޔަ އަހަރު އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް އިންޑިއާ އިން ފޮނުވި "ނިއުޓަން" ފަދަ ފިލްމުތަކަކީ ޝާހްރުކް ވަރަށް ގަޔާވާ ފިލްމުތަކެއް ކަމަށްވެ އެވެ.

ރާއީ ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ސިނަމާތަކަށް ގެންނާނެ ފިލްމަކީ އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ ތާރީހީ ބިރުވެރި ފިލްމު "ތުމްބަޅް" އެވެ.

"ޒީރޯ" އަކީ "ތަނޫ ވެޑްސް މަނޫ" އާއި "ރާންޖަނާ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކުރި ރާއީއާ އެކު ޝާހްރުކް މަސައްކަތް ކުރި ފުރަތަމަ ފިލްމެވެ.

އޭނާ ވަނީ މަޝްހޫރު ސްޓްރީމް ސާވިސް، ނެޓްފްލިކްސްއާ ގުޅިގެން ވެސް އުފެއްދުންތަކެއް ގެނެސް ދޭން ނިންމައިފަ އެވެ.

އެގޮތުން ހަދާ ފުރަތަމަ ވެބް ސީރީޒަކީ އިމްރާން ހާޝިމީ ބަތަލުގެ ރޯލް ކުޅޭ "ދަ ބާޑް އޮފް ބްލަޑް" އެވެ.