ޕާކިސްތާނާ އެކު އޮތް ގުޅުން ހީނަރުކޮށް ނުލެވޭނެ: ޗައިނާ
ޕާކިސްތާނާ އެކު އޮތް ގުޅުން ހީނަރުކޮށް ނުލެވޭނެ: ޗައިނާ

ބެއިޖިން (ސެޕްޓެމްބަރު 27) - ޕާކިސްތާނާ އެކު އޮތް ގުޅުން ހީނަރުކޮށްލަން ކުރާ ކޮންމެ މަސައްކަތެއް ނާކާމިޔާބު ކޮށްލާނެ ކަމަށް ޗައިނާ ސަރުކާރުގެ އިސް ޑިޕްލޮމެޓް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސިލްކް ރޯޑް މަޝްރޫއުގެ ދަށުން ޕާކިސްތާނުގައި ހިންގާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ އަށް ބެއިޖިން އިން 57 ބިލިއަން ޑޮލަރު ހޭދަ ކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ޕާކިސްތާނުގެ އާ ސަރުކާރާ އެކު ވަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމާ މެދު ސުވާލުތައް އުފެދެން ފަށައިފަ އެވެ. އެކަމަކު ޗައިނާ ސަރުކާރުގެ ސްޓޭޓް ކައުންސެލާ އަދި ޚާރިޖީ ވަޒީރު ވަންގް ޔި ވިދާޅުވެފައި ވަނީ ޕާކިސްތާނާ އެކު އޮތް ގުޅުން ހީނަރުކޮށްލަން މަސައްކަތް ކުރާ ފަރާތްތަކުގެ ރޭވުން ކާމިޔާބު ނުވާނެ ކަމަށެވެ. ނިއު ޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ ތެރޭގައި ވަންގް ޔި އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވަނީ ބައްދަލު ކުރައްވައިފަ އެވެ.

"ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރު ކުރަން ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވާނެ،" ވަންގް ވިދާޅުވި އެވެ. "އިކޮނޮމިކް ކޮރިޑޯގެ މަޝްރޫއުތައް ދެ ގައުމުން ވެސް ކުރިއަށް ގެންދާނެ."

ގުރޭޝީ ވިދާޅުވީ ބައެއް ފަހަރު ކަންކަން ދިމާވި ނަމަވެސް ޗައިނާ-ޕާކިސްތާނުގެ މެދުގައި އޮތް ގުޅުމަށް އެއްވެސް ހީނަރު ކަމެއް ނާންނާނެ ކަމަށެވެ.