26 ސެޕްޓެމްބަރ 2018 - 16:06

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ދައުވަތު އަރުވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު، މޯދީ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ކަމަށެވެ.
"ބޮޑުވަޒީރު މޯދީ ވަނީ އަޅުގަނޑުމެންގެ އިންތިހާބީ ރައީސަށް ދައުވަތު ދެއްވާފައި ވީހާ ވެސް އަވަހަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް. އެ ދައުވަތު ދެއްވުމާ ގުޅިގެން އިންތިހާބީ ރައީސް ވެސް ވަނީ ދައުވަތު ދެއްވާފައި [ހުވާ ކުރެއްވުމުގެ] ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް،" މާރިޔާ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އިން ވަނީ އިންޑިއާއާ ފެޔަށް ޖެހި ޗައިނާ އަދި ސައުދީ އަރަބިއްޔާއާ ގާތް ގުޅުމެއް އުފައްދައިފަ އެވެ. ނަމަވެސް އިންތިހާބީ ރައީސް އިބޫ ވަނީ އެ ގުޅުން އަލުން ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން މޯޑީ އަށް ދެއްވައިފަ އެވެ.
"އަޅުގަނޑު ދެންނެވިން އިންޑިއާ އަކީ އަބަދު ވެސް ރާއްޖެއާ އެންމެ ރަހުމަތްތެރި އެއް ގައުމު ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ބާއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދިނިން،" މޯދީއާ ދެކެވުނު ވާހަކަތަކާ ގުޅޭ ގޮތުން އިބޫ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ އިންތިހާބީ ރައީސް އިބޫ ވެރިކަމާ ހަވާލުވުމުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ގުޅިފައިވާ އިއްތިހާދާއެކު ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމުން ވެރިކަމުގެ ބާރުތައް ބަދަލު ކުރުމާ ގުޅޭ ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ޑައިރެކްޓާ ޖެނެރަލް އޮފް ޓްރާންޒިޝަން އައްޔަން ކުރައްވާނެ ކަމަށް ވެސް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، އިންތިހާބުން ބަލިވެވަޑައިގަތުމުން ވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަގާމްތަކަށް މީހުން އައްޔަންކޮށް، ވަކި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެކަމަށް މާރިޔާ ފާޑުވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިންތިހާބުން ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމުން ވަޒީފާ ދިނުމާއި ވަޒީފާ އިން ވަކި ކުރުން ފަދަ މަސައްކަތް ކުރުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.