"ބުރައްމަސްތުރާ" އިންޑިއާގެ ސިނަމާ އެހެން ހަރުފަތަކަށް ގެންދާނެ: އާލިއާ ބަޓް
"ބުރައްމަސްތުރާ" އިންޑިއާގެ ސިނަމާ އެހެން ހަރުފަތަކަށް ގެންދާނެ: އާލިއާ ބަޓް

އަންނަ އަހަރު ރިލީޒްކުރާ "ބުރައްމަސްތުރާ" އަކީ އިންޑިއާގެ ސިނަމާ މުޅިން އެހެން ހަރުފަތަަކަށް ގެންދާނެ ފިލްމެއް ކަމަށާއި ފިލްމަށް ކުރެވޭ އުންމީދުތައް ބޮޑު ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، އަޔާން މުކަރްޖީ ލިޔެ، ޑައިރެކްޓް ކުރާ "ބުރައްމަސްތުރާ" އަކީ ފެންޓަސީ އެޑްވެންޗާ ފިލްމެކެވެ. މިއީ ޓްރިލޮޖީއެކެވެ.

ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސް ދޭން ނިންމާފައި ވަނީ އޮގަސްޓް، 15، 2019 ގަ އެވެ.

މުމްބާއީގައި އަންގާރަ ދުވަހު އޮތް އިވެންޓެއްގައި "ބުރައްމަސްތުރާ" އާ ބެހޭ ގޮތުން އެ ފިލްމުގެ ލީޑް ބަތަލާ އާލިއާ ބުނި ގޮތުގައި މިއީ އިންޑިއާގެ ސިނަމާ އަށް ބަދަލެއް ގެނުވާނެ ފިލްމެކެވެ.

"އަދި އަހަރެން ބުނާނީ މިއީ އަހަރެމެންގެ ސިނަމާ އާ ހަރުފަތަކަށް ވެސް ގެންގޮސްދޭނެ އިންގިލާބީ ފިލްމަކަށް ވެގެން ދާނޭ،" ޒުވާން ބަތަލާ ބުންޏެވެ.

އާލިއާ ބުނި ގޮތުގައި "ބުރައްމަސްތުރާ" އަކީ މޮޅު، ފުރިހަމަ އަދި ރީތި ފިލްމަކަށް ހަދަން މުޅި ޓީމް ވަރަށް ބޮޑު ހިތްވަރެއް ލާފައިވާނެ އެވެ. އެހެންވެ ސްކްރީނުން އެ މަސައްކަތް ވަރަށް ފުރިހަމަ އަށް ފެންނާނެ ކަމަށް ބުންޏެވެ.

މި ފިލްމުގެ މައިގަނޑު ކާސްޓުންނަކީ އާލިއާގެ އިތުރުން އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރް، އަމީތާބް ބައްޗަން، ޑިމްޕަލް ކަޕާޑިއާ، ނާގުރްޖުނާ އަކިނޭނީ އަދި މޯނީ ރޯއި އެވެ.

މި އަހަރުގެ ކުރީކޮޅުން ފެށިގެން "ބުރައްމަސްތުރާ" ގެ ޝޫޓިން ބަލްގޭރިއާގައި ކުރިއަށް ގެންދިއުމަށް ފަހު، އެ ގައުމުގެ ޝޫޓިން ޝެޑިއުލް ވަނީ މި މަހުގެ މެދުތެރޭގައި ނިންމާލައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ފިލްމުގެ ބޮޑު ބައި ޝޫޓްކޮށް ނިންމައިލި އިރު ވެސް، ކާސްޓުންގެ ތެރެއިން އެއްވެސް ތަރިއަކު ފިލްމުން ފެނިގެން ދާނެ ގޮތް މިހާތަނަށް ލީކްވެސް ވެފައި ނެތުމެވެ. ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ މިފަދަ އެއްވެސް ކަމެއް ވިޔަ ނުދިނުމަށް ވަރިގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

މި ފިލްމަކީ ކާމިޔާބު ދެ ފިލްމު ކަމަށްވާ ޔެ ޖަވާނީ ހޭ ދީވާނީ (2013) އާއި ވޭކް އަޕް ސިދް (2011) އަށް ފަހު، ޒުވާން ޑައިރެކްޓަރު އަޔާން ގެނެސްދޭ ތިން ވަނަ ފިލްމެވެ. އަދި މިއީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަނުން މިހާތަނަށް ހަދާ އެންމެ އަގު ބޮޑު ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބުރައްމަސްތުރާ" ގެ ބަޖެޓަކީ 250 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) އެވެ.

ކަރަން ބުނި ގޮތުގައި މި ފިލްމުގެ ވާހަކަ އެއްކޮށް ކިޔައިދީ ނިންމާނީ 8 އަހަރުގެ ތެރޭގަ އެވެ. މާނައަކީ އަންނަ އަހަރު ގެނެސްދޭ ފިލްމަށް ފަހު، އަދި ކުރިއަށް "ބުރައްމަސްތުރާ" ގެ އިތުރު ދެ ބައި ގެނެސްދޭނެ އެވެ.