26 ސެޕްޓެމްބަރ 2018 - 14:57

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބައެއް މުވައްޒަފުންގެ މުސާރަ ކުއްލި ގޮތަކަށް ބޮޑުކުރަން އުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިިފި އެވެ.
އެނގިފައިވާ ގޮތުގައި، އެމްޕީއެލްގެ މުވައްޒަފުންތަކެއްގެ މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ މިއަދު ހަވީރު ބާއްވާ އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މުވައްޒަފުންނާ ގުޅޭ އެހެން ކަންތައްތަކަކަށް ބަދަލު ގެންނަން ނިންމާފައިވާ އިރު އޭގެ ތެރޭގައި ހިޔާ މަޝްރޫއުން މުވައްޒަފުންނަށް ފްލެޓް ދޭ އުސޫލު ވެސް ހިމެނޭ ކަމަށްވެ އެވެ.
މުސާރަ ބޮޑުކުރަން އުޅޭ މައްސަލަ އޭސީސީި އަށް ހުށަހެޅީ އެމްޕީއެލްގެ މުވައްޒަފުންތަކެކެވެ. އެ ކުންފުނީގެ މުސާރަ ބޮޑުކުރުމާ ގުޅޭ ގޮތުން އާ އޮނިގަނޑެއް މީގެ ހައެއްކަ މަސް ކުރިން ވަނީ، އެކުލަވާލައިފަ އެވެ. އެ އޮނިގަނޑުގެ ދަށުން މުސާރަ ބޮޑުކޮށްފައި ވަނީ ކުންފުނީގެ އިސް ބައެއް މަގާމްތަކަށް ކަން ވެސް އެނގިފައިވެ އެވެ.
އޭސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެމްޕީއެލްގެ މުސާރަ ބޮޑުކުރަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގަ އެވެ. އެއީ، އެ މައްސަލަ ބަލާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ.
މި މައްސަލަ އޭސީސީ އަށް ހުށަހެޅި އިރު، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތުމުން ވެސް ސަރުކާރުގެ އެކި އޮފީސްތަކާއި ކުންފުނިތަކުގެ ހިންގުމަށް ބައެއް ބަދަލު ގެންނަ ކަމުގެ ޝަކުވާ އިދިކޮޅު އެމްޑީޕީން ދަނީ ކުރަމުންނެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އިންތިޚާބަށް ފަހު ވެސް ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ވަޒީފާ ހަމަޖައްސައިދެމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. މުވައްޒަފުން ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ނުކުރުމަށް ވެސް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުން ބައެއް ލިޔެކިޔުންތައް ނައްތާލާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވަން ވެސް ވަނީ ގޮވާލައިފަ އެވެ.
އިންތިޚާބުގައި ރައީސް ޔާމީން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓް ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،146 ވޯޓު ލިބިވަޑައިގެންނެވި އިރު ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ އެންމެ 95،623 ވޯޓެވެ. ރައީސް ޔާމިނަށް މެޖޯރިޓީ ވޯޓު ލިބިވަޑައިގެންނެވީ މ. އަތޮޅާއި ފ. އަތޮޅުން އެކަންޏެވެ. އަނެއް 18 އަތޮޅުން މެޖޯރިޓީ ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫ އެވެ.