27 ސެޕްޓެމްބަރ 2018 - 08:06

ސައިލް އަލީ ހާން މި ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްހެންވީ ފްލޮޕެވެ. އޭގެ ތެރޭގައި "ރަންގޫން" އާއި "ޝެފް" ހިމެނެ އެވެ. އެކަމަކު ނެޓްފްލިކްސް އިން ގެނެސްދިން ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ވަރަށް ކާމިޔާބެވެ. ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބާ އެކު، އޭގެ ދެވަނަ ސީޒަނެއް ގެނެސްދޭނެކަން މިހާރު ވެސް އިއުލާންކޮށްފަ އެވެ.
އޭގެ ކުރިން އަނެއްކާ ވެސް ސައިފްގެ ފީޗާ ފިލްމެއް ބޮޑު ސްކްރީނުން ބަލައިލުމުގެ ފުރުސަތި ބެލުންތެރިންނަށް ލިބޭނެ އެވެ. އެއީ އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ ފިލްމް "ބާޒާރު" އެވެ.
މާލީ މައްސަލަގަނޑެއްގެ ތެރެއިން ދިމާވާ ހާދިސާތަކެއް ކިޔައިދޭ "ބާޒާރު" ގެ ޓްރެއިލާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާ އިރު، ސައިފްގެ އެކްޓިން އަށް ގިނަ ބަޔަކު ވަނީ ތައުރީފު ވެސްކޮށްފަ އެވެ. އަދި އޭނާގެ ކެރެކްޓާއަކީ ވަރުގަދަ، ވަރަށް ނުފޫޒު ގަދަ ކެރެކްޓާއެއްގެ ގޮތުގައި ޓްރެއިލާ އިން ހާމަކޮށްދެ އެވެ. އެހެންވެ "ބާޒާރު" އަށް ކުރެވޭ އުންމީދުތައް ވެސް ބޮޑެވެ. އަނެއްކޮޅުން ފިލްމު ހިޓަކަށްވުން ވެސް ސައިފަށް ވަރަށް މުހިއްމު ވާނެ އެވެ.
"ބާޒާރު" އަކީ ނިކިލް އަދްވާނީ ޕްރޮޑިއުސްކޮށް، ގޯރަވް ކޭ ޗާވްލާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ބައެއް މީހުން ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ 1987 ގައި ރިލީޒް ކުރި މައިކަލް ޑަގްލަސްގެ "ވޯލް ސްޓްރީޓް" އާ ވައްތަރެވެ. އެ ފިލްމަކީ ވެސް މާލީ ހާޖާނުގަނޑެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެކަމަކު "ބާޒާރު" އާއި އެ ފިލްމު ގައި އެއްގޮތް ކަމެއް ހުރިކަން މުޅިން ކަށަވަރު ވާނީ ފިލްމު ބަލައިލަން ލިބުމުންނެވެ.
މި ފިލްމުގައި ސައިފާ އެކު ހިމެނޭ ކާސްޓުންގެ ތެރޭގައި ޗިތުރަންގަދާ ސިންގް، ރާދިކާ އަޕްޓޭ އަދި ކުރީގެ އެކްޓަރު ވިނޯދް މެހެރާގެ ދަރިފުޅު ރޯހަން މެހެރާ ހިމެނެ އެވެ.
އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ ފިލްމު "ހެލިކޮޕްޓާ އީލާ" ގައި ހިމެނޭ ލަވަ "ރުކް ރުކް" ލަވަ ދައްކާލައިފި އެވެ. ކާޖޮލްގެ ފަރި ހަރަކާތްތައް ފެނިގެންދާ މި ލަވައަކީ އޭނާގެ ފިރިމީހާ އަޖޭ ދޭވްގަން އާއި ތައްބޫ 1994 ގައި ކުޅުނު ފިލްމު "ވިޖޭޕަތު" ގެ "ރުކް ރުކް" ލަވައިގެ އާ ވާޝަނެކެވެ.
މި ފަހަރުގެ ލަވައިގެ ތެރެއަށް ވަނީ ރެޕް ކަޑިތަކެއް ވެސް ލައިފަ އެވެ. ލަވަ ކިޔާފައި ވަނީ ޕަލޯމީ ގޯޝް އެވެ. އަނޫ މަލިކްގެ މިއުޒިކަށް ޒަމާނީ ބަދަލުތަކެއް ގެނެސްފައި ވަނީ ރަގަވް ސަޗަރް އެވެ. ކުރީގެ ލަވަ ކިޔާފައި ވަނީ އޮމާން އަޑުގެ ވެރިޔާ އަލީޝާ ޗިނޯއި އެވެ.
"ހެލިކޮޕްޓާ އީލާ" ގައި "ރުކް ރުކް" ލަވަ އަންނަނީ ކާޖޮލް ލަވައެއް ރެކޯޑް ކުރަން ސްޓޫޑިއޯއެއްގައި އުޅެނިކޮށް، ފެންނަ ހިޔާލީ ދުނިޔެއްގެ ތެރެއިންނެވެ.
މި ފިލްމަކީ ކާޖޮލް މަގުބޫލު ލަވަކިޔުންތެރިއަކަށް ވާން މަސައްކަތް ކުރާ ގޮތް ދައްކުވައިދޭ ފިލްމެކެވެ. އަދި އޭނާއަކީ ޒުވާން ފިރިހެން ދަރިއެއްގެ އެކަނޮވެރި މައެކެވެ.
ބޮލީވުޑްގެ އެކްޓަރު ނީލް ނިތިން މުކޭޝް އަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ. މި މަހުގެ 20 ވަނަ ދުވަހު ވިހޭ ކުއްޖާގެ ނަމަކީ ނުރްވީ ނީލް މުކޭޝް އެވެ. އަދި ދަރިފުގެ ފޮޓޯ ވެސް ނީލް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ނީލް އާއި ރުކްމިނީ ސަހޭ ކައިވެނި ކުރީ މިދިޔަ އަހަރު އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ގޯލްމާލް އެގެއިން" ގެ އެކްޓަރަށް އަލަތު ދަރިފުޅު ލިބުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ޓްވިޓާގައި މަރުހަބާ ކިޔައިފަ އެވެ. ދަރިއަކު ލިބުނު އިރު، ނީލްގެ އާ ފިލްމު "ދަސރޭ" އަންނަ މަހުގެ 26 ގައި ސިނަމާތަކަށް އަންނާނެ އެވެ. އޭނާ އަދި އަންނަކީ ކޮއްކޮ ނަމަން ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފުވާ ފިލްމު "ބައިޕާސް ރޯޑް" ގެ މަސައްކަތް ކުރަމުންނެވެ.
"ތަގްސް އޮފް ހިންދުސްތާން" ނޮވެމްބަރު މަހުގެ 8 ގައި ރިލީޒްވުމާ އެކު، އަމީތާބް ބައްޗަން އަނެއްކާ ވެސް އާ ފިލްމެއްގެ ޝޫޓިން ފަށާނެ އެވެ. އެއީ ނާގްރަޖް މަންޖުލޭ ޑައިރެކްޓް ކުރާ "ޖުންދު" އެވެ. ފިލްމްގެ ޝޫޓިން އެންމެ ފުރަތަމަ ކުރިއަށް ގެންދާނީ ނާގްޕޫރްގަ އެވެ.
އެ އަވަށުގައި ޖުމްލަ 45 ދުވަހުގެ ޝޫޓިން ކުރިއަށް ގެންދިޔަ ނަމަވެސް، އަމީތާބް ފިލްމަށް ޖުމްލަ 80 ވަރަކަށް ދުވަސް ދޭން ޖެހޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ޖުންދް" އަކީ ސްލަމް ސޮކާސްގެ ބާނީގެ ގޮތުގައި މަޝްހޫރުވި ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އޭނާއަކީ ނާގްޕޫރްގެ މަގުމަތީގައި ފުޓްބޯޅަ ކުޅެން އުޅުނު ކުދިންތަކެއް ނަގައިގެން ވަރުގަދަ ފުޓްބޯޅަ ޓީމެއް އެކުލަވައިލި މީހެކެވެ. "ޖުންދު" އާ ބެހޭ ގޮތުން މަންޖުލޭ ބުނީ އަމީތާބާ އެކު މި ފިލްމުގައި މަސައްކަތް ކުރެވުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށެވެ. އަދި ފިލްމު ފުރިހަމަ އަދި ޝައުގުވެރި ފިލްމަކަށް ހަދަން މިއީ ހިތްވަރެއް ކަމަށް ބުންޏެވެ.
"ޖުންދު" އަކީ ބުޝަން ކުމާރްގެ ޓީ ސީރީޒް ހިއްސާވެގެން ހަދާ ފިލްމެކެވެ.