އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި ތުރުކީން ހިމޭން ނުވާނެ: އުރުދުޣާން
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކުރިމަތީގައި ތުރުކީން ހިމޭން ނުވާނެ: އުރުދުޣާން

ނިއު ޔޯކް (ސެޕްޓެމްބަރު 26) - ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ފާދިރީއަކު ތުރުކީން ހައްޔަރުކޮށްފައިވާ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާ އިން ވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. ތުރުކީން ބުނެފައި ވަނީ ޓެރަރިޒަމްގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ފާދިރީއާ މެދު ގޮތެއް ނިންމާނީ ކޯޓުން ކަމަށެވެ.

"ވިޔަފާރީގެ އެއްބަސްވުންތައް ކެންސަލްކޮށް، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ތުރުކީ ހިމޭނުން ނބޭއްވޭނެ،" އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓް މަހު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުރުކީން އެތެރެ ކުރާ އެލުމިނިއަމް އާއި ސްޓީލުން ދެ ގުނަ ޑިއުޓީ ބޮޑުކޮށްފަ އެވެ. ރައްދުގައި ތުރުކީން ވެސް ވަނީ އެމެރިކާ އިން އިމްޕޯޓް ކުރާ ކާރާއި ރަލާއި ދުންފަތުން ޑިއުޓީ ބޮޑުކޮށްފަ އެވެ. އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތުރުކީ ފައިސާގެ އަގު ވަނީ 40 ޕަސެންޓް ވެއްޓިފަ އެވެ.

ޓްރަމްޕް ސަރުކާރުން ވަނީ ތުރުކީ ކެބިނެޓުގެ ދެ އޮފިޝަލަކަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.