ލީގު މިއަދު އަލުން ފަށަނީ: ބަދަލުތަކާއި ޗެލެންޖްތައް
ލީގު މިއަދު އަލުން ފަށަނީ: ބަދަލުތަކާއި ޗެލެންޖްތައް

ދެ މަހަށް ވުރެ ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، މުބާރާތުގައި ވާދަކުރާ 10 ޓީމުން މިދިޔަ ދުވަސްތަކުގައި ވަނީ ތަފާތު ކަންތައްތަކާ ކުރިމަތިލައިފަ އެވެ. އެ ޓީމުތަކުން މިހާރު ލީގަށް ކުރިމަތިލާން ޖެހިފައި އޮތީ ކުރިން އޮތް ހާލަތުގައެއް ނޫނެވެ. ކްލަބްތަކުގައި ގިނަ ކަންތައްތަކެއް ބަދަލުވެސްވެއްޖެ އެވެ. އަހަރުގެ ފަހު ތިން މަހާ ޓީމުތަކުން ކުރިމަތިލާއިރު، ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހޭނެ އެވެ. އެއީ ވެސް އޮތް ޗެލެންޖެކެވެ.

ލީގު މިއަދު އަލުން ފަށަނީ: ބަދަލުތަކާއި ޗެލެންޖްތައް
ލީގު މިއަދު އަލުން ފަށަނީ: ބަދަލުތަކާއި ޗެލެންޖްތައް

ލީގު މެދުކަނޑާލަން އެފްއޭއެމުން ފުރަތަމަ ރާވާފައި އޮތީ ޖުލައި 31 ގަ އެވެ. އެކަމަކު ޖުލައި 26 ގެ ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދަނިކޮށް ދަނޑަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ދުވަސް ވަރު ކުޅެން ރާވާފައި އޮތް މެޗުތައް ފަސް ކުރެވުނެވެ.

އެފްއޭއެމުން މިިދިޔަ އަހަރު ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކްލަބްތަކަށް ދިމާވާ މާލީ މައްސަލަތައް ހައްލުކުރަން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ގެ ނަމުގައި ދެ އަހަރަށް ކޮންޓްރެކްޓް ހަދާ މަސައްކަތްތަކެއް ފެށި އެވެ. އެސްއޯއީގެ ފުރަތަމަ އަހަރުގައި ވެސް ކުންފުނިތަކުން ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، އޭގެން އެކަށީގެންވާ މަންފާއެއް ނުކުރާ ކަމަށް ބައެއް ކުންފުނިތަކުން "މިހާރަ"ށް މައުލޫމާތު ދިނެވެ. އަނެއްކޮޅުން ޓީމުތަކުގެ ޝަކުވާ އަކީ ކުރަން ޖެހޭ ހަރަދުތައް އިތުރުވުމާއި ކުންފުނިތަކުން ފައިސާ ލިބުން ލަސްވުމެވެ.

އެސްއޯއީގެ އެއްބަސްވުމުގައިވާ ގޮތުން ކްލަބްތަކުން ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ދެނީ އެކި ކުއާޓަރުތަކަށް ބަހާލައިގެންނެވެ. އެއީ އެ ކްލަބްތަކުން ކުރި ހަރަދުތަކުގެ މާލީ ރިޕޯޓެއް ވެސް ހުށަހެޅުމުންނެވެ. މިދިޔަ ދެ މަސް ދުވަހުގެ ބްރޭކުގައި ޓީމުތަކުން އެސްއޯއީގެ ތެރެއިން ލިބެން ޖެހޭ ފައިސާ ހޯދަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ބައެއް ޓީމުތަކުން ބުނެ އެވެ. އެހެންވެ، ޓީމުގެ ގިނަ ކަންތައްތަކެއް ހަމަޖައްސަން އުނދަގޫ ހާލަތެއް ކުރިމަތިވެ، ކުޅުންތެރިންނަށް މުސާރަ ދިނުމުގައި ވެސް ލަސްތަކެއް ކުރިމަތިވާ ކަމަށް ބުންޏެވެ.

މި ފަހަރުގެ ސީޒަން ދިގުލައިދާނެ ކަމަށް ބެލެވިފައިވާއިރު، ޓީމުތަކުން ކުރަން ޖެހޭ ހަރަދުތައް ވެސް އިތުރުވާއިރު، ކުޅުންތެރިން މެޗެއް ނުކުޅެ ހަމައެކަނި ޕްރެކްޓިސް ކޮށްލުމުން މުސާރަ ދޭން ޖެހުމަކީ ވެސް ބައެއް ކްލަބްތަކުން ދެކޭގޮތުގައި މާލީ ގޮތުން ކުރިމަތިވި އުނދަލުކެވެ. އަދި ބައެއް ޓީމުތަކުން ދާދި ފަހުން އޮތް ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރިނުވި އެއް ސަބަބަކީ އަހަރު ފަހުކޮޅަށް ދާއިރު މާލީ ގޮތުން ދިމާވެދާނެ ދަތިތަކަށް ވިސްނުމަށް ފަހު ހަރަދުކުޑަކުރުމުގެ ގޮތުން ކަމަށް "މިހާރަ"ށް އެނގިފައިވެ އެވެ.

ސީޒަނުގެ މެދުތެރެއިން ބޮޑު ބްރޭކެއް އައުމަކީ ގިނަ ޓީމުތަކާއި ކުޅުންތެރިންގެ ފޯމަށް ވެސް އަސަރުކުރާނެ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި ގައުމީ ޓީމުގެ މެޗުތަކަށް ފުރުސަތުދޭން ވެގެންނާއި އެހެން ސަބަބުތަކާ ހުރެ އެކި ފަހަރު މަތިން ލީގުގެ ކުޅުން މެދުކަނޑާލި އެވެ. މި ފަަހަރު އެހާ ދިގު މުއްދަތަކަށް ލީގު މެދުކަނޑާލި އެންމެ ބޮޑު ސަަބަބަކީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސާފް ސުޒުކީ ކަޕެވެ.

މީގެ ކުރިން ލީގު މެދުކަނޑާލި ފަހަރުތަކުގައި ޓީމުތަކުން ކުރި އެންމެ ބޮޑު ޝަކުވާ އަކީ ކުރިން ޓީމުތައް އޮތް ފޯމަށް އަސަރުކުރުމެވެ. މިސާލަކަށް ބަލާއިރު ލީގު މެދުކަނޑާލިއިރު ރަނގަޅު ފޯމެއްގައި އޮތް ޓީމަކަށް މިހާ ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ފަށާއިރު ހުންނާނެ ގޮންޖެހުންތައް ގިނަ އެވެ.

ކޮންމެ ޓީމަކުން ވެސް ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ޕްރެކްޓިސް ކޮށްފައިވަނީ ޕްރީ ސީޒަނެއްގެ އުސޫލުންނެވެ. އެއީ މެޗުތަކެއް ނުކުޅެ ފިޒިކަލީ ކުޅުންތެރިން ކުރިން ހުރި ލެވެލަށް ގެންނަން އުނދަގޫވާނެތީ އެވެ. މީގެ ކުރިން އައި ބްރޭކްތަކަށް ފަހު އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޯޗުން ވަނީ އެ ވާހަކަ އެތަކެއް ފަހަރުމަތިން ދައްކައިފަ އެވެ.

ލީގު އަލުން ފަށާއިރު ޓީމުތަކަށް ތަފާތު ހާލަތްތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް އެފްއޭއެމަށް މުބާރާތުގެ ޝެޑިއުލަށް ބަދަލެއް ގެނެވޭކަށެއް ނެތެވެ. އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ދާދި ފަހުން ވިދާޅުވީ ސީޒަން އިތުރަށް ދިގުލައިގެންދިއުމަކީ ޓީމުތަކަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަކަށްވާތީ ޝެޑިއުލަށް ދެން ބަދަލެއް ގެނެވެން ނެތް ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން އަދި ނުނިމެ އެވެ. އަދި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް އެބައޮތެވެ. އެހެން ކަމުން ޝެޑިއުލަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހިއްޖެނަމަ ކްލަބްތަކަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ އެވެ.

މިސާލަކަށް ބަލާއިރު މިދިޔަ ސީޒަން ލަހުން ނިމުމުގެ އެންމެ ބޮޑު ތަކުލީފެއް އުފަލުން ޖެހުނު އެއް ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބް އެވެ. އެ ޓީމުން ސީޒަނުގެ ފަހު ތިން މުބާރާތަށް ވާދަކުރިއިރު، އާ ސީޒަނަށް އެންމެ ފުރަތަމަ ޕްރެކްޓިސް ފަށަން ޖެހުނީ ވެސް އެ ޓީމަށެވެ. އެއީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ޖެހޭތީ އެވެ. ރަނގަޅު ރެސްޓެއް ސީޒަން ނިންމާފައި ނުލިބުމުގެ ސަބަބުން މި ފަހަރުގެ މާލޭ ލީގުގެ ކުރީކޮޅުގައި ގިނަ ކުޅުންތެރިންގެ ކުޅުމަށް އަސަރުކުރި ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ފާހަގަކޮށްފަ އެވެ.

ލީގު އަލުން ފަށާއިރު ބައެއް ޓީމުތަކުން ވަނީ އެ ޓީމަށް ކުޅޭ ބައެއް ބިދޭސީ ކުޅުންތެރިން ދޫކޮށްލައިފަ އެވެ. އަދި ބައެއް ޓީމުތަކުގެ ކޯޗުން ވެސް ވަނީ ބަދަލުވެފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓުން އެ ޓީމުގެ ސްޕެއިން ޑިފެންޑަރު ޖޯޖް ގޯޓޯ ދޫކޮށްލިއިރު، އެ ޓީމުގެ ކޯޗުކަމުން އޮސްކާ ބްރުޒޮން ވެސް ވަނީ ވަކިވެފަ އެވެ. ނިއުއާ ހަވާލުވީ އެ ޓީމަށް ކުރިން އިރުޝާދުދިން ކުރީގެ ކުޅުންތެރިއާ އަދި މި ސީޒަނުގައި ކްލަބް ވެލެންސިއާ އިން ފެނުނު ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އެވެ.

ވިކްޓަރީގެ ކޯޗުކަމުން ހަންގޭރީގެ ލާޒްލޯ ކިސް ނުފެންނާނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު، ބ. ފެހެންދޫ އަށް އިރުޝާދުދިން އިސްމާއިލް އަނިލް ވަނީ 18 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމާ ހަވާލުވެފަ އެވެ. އޭގެ އިތުރުން ބައެއް ޓީމުތަކުން އިތުރު ބަދަލުތަކެއް ފެންނާނެ ކަމަށް ބެލެވެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު، އެއް ވަނައިގައި ޓީސީ އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު އާއި ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް އީގަލްސް އާއި ފަސް ވަނައިގައި އޮތް ވިކްޓަރީގެ އޮތީ ފަސް ޕޮއިންޓެވެ. ހަ ވަނައިގައި މާޒިޔާ އޮތީ ހަތް ވަނައިގައި އޮތް ފެހެންދޫއާ އެއްވަރަށް ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އަށް ވަނައިގައި އޮތް ށ. ފޯކައިދޫ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި އޮތް ތ. ތިމަރަފުއްޓާއި އަށް ވަނައިގައި އޮތް ފ. ނިލަންދޫ އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ލީގު އަލުން ފަށާނީ މިއަދު ހަވީރު ތިމަރަފުއްޓާއި ނިލަންދޫ ކުޅޭ މެޗުންނެވެ. މިރޭ ކުޅޭ މެޗުގައި ވިކްޓަރީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.