އައިފޯން "އެކްސް އެސް" އަށް ސިގްނަލް ކެނޑެނީ
އައިފޯން "އެކްސް އެސް" އަށް ސިގްނަލް ކެނޑެނީ

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯންގެ ތިން މޮޑެލްގެ ތެރެއިން އެކްސްއެސް އާއި އެކްސްއެސް މެކްސްގައި އެލްޓީއީ އަދި ވައިފައި ސިގްނަލް ލިބުމުގައި މައްސަލަތަކެއް އެބަހުރި ކަމަށް ބުނެ މިހާރު ވަނީ ޝަކުވާ ބޮޑުވެފަ އެވެ. މީގެ ކުރިން ހަމަ މި މައްސަލަ އައިފޯން 4 ގައި ވެސް ދިމާވި އެވެ.

ސިގްނަލް ދަށް ހިސާބަކަށް ދިއުމުން ބޮޑަށް ފާހަގަވާ މި މައްސަލަ އައިފޯން 4 ގައި ހައްލުކުރީ ސޮފްޓްވެއާ އަށް ދިން އަޕްޑޭޓަކުން ކަމަށް ވިޔަސް ތަޖުރިބާކާރުން ބުނަނީ އެކްއެސް ސީރީޒްގައި މިއީ ސޮފްޓްވެއާ އިން ހައްލުކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

"ވައިވޭވް ލެންތު" ބްލޮގްގައި ރޭޑިއޯ އެކްސްޕާޓް އެންޑްރޫ ޖޭ ޝެފަޑް ލިޔެފައިވާ ގޮތުގައި އެކްސް އެސް އާއި އެކްސް އެސް މެކްސްގެ ލެބް ޓެސްޓްތަކުގެ މައުލޫމާތު ކުރިން ލިބުނު އިރު ވެސް މިއީ މައްސަލައަކަށް ވާނެ ކަމަށް އޭނާ އަށް ޔަގީންވި ކަމަށެވެ. އޭނާ ބުނީ މައްސަލަ ޖެހޭނީ ސިގްނަލް ދަށް ހިސާބަށް ދިއުމުން ކަމަށާއި އެހެން ފޯނުތަކަށް ކުޑަކޮށް ސިގްނަލް ލިބޭ ހިސާބުތަކުގައި އެކްސްއެސްގެ ފޯނުތަކަށް އަދި މާބޮޑަށް ސިގްނަލްގެ މައްސަލަ ދިމާވާނެ ކަމަށެވެ.

ޝެފަޑް ބުނީ ފާމްވެއާ އަޕްޑޭޓަކުން މި މައްސަލަ ހައްލުވާނެ ކަމަށް ބައެއް މީހުން ބުނަމުން އަންނަ ކަމަށާއި އެކަމަކު އެކަން އެހެން ނުވާނެ ކަމަށެވެ. އޭނާ ބުނީ މައްސަލަ އުޅެނީ ފޯނުގެ އެންޓަނާގެ ޑިޒައިންގައި ކަމަށެވެ.

"ފޯނުގެ ޕަފޯމަންސާ ގުޅުން ހުރި ކަމެއް ސޮފްޓްވެއާ އަޕްޑޭޓަކުން ބަދަލުކުރެވުނަސް ޑިޒައިންކުރުމާއި އުފެއްދުމުގައި ހުންނަ އުނިކަމެއް ބަދަލުކުރެވޭނެ ގޮތެއް ނެތް،" ޝެފަޑް ބުންޏެވެ.

އެހެން އެޕަލް އަށް ދެން ޖެހޭނީ ހާޑްވެއާ ބަދަލު ގެންނަން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެކަމަކު މި މައްސަލައާ ބެހޭ ގޮތުން އެޕަލް އިން އަދި ވާހަކައެއް ނުދައްކަ އެވެ.