25 ސެޕްޓެމްބަރ 2018 - 16:12

މުމްބާއީ (ސެޕްޓެމްބަރު 25) - މަތިންދާ ބޯޓުގެ ފާޚާނާގެ ދޮރު ކަމަށް ހީކޮށް ބޯޓުގެ ފަހަތުގެ ދޮރު ހުޅުވަން ޕަސިންޖަރަކު މަސައްކަތް ކޮށްފި އެވެ.
ގޯއެއާގެ ބޯޓުގެ ދޮރު ހުޅުވަން ޕަސިންޖަރު މަސައްކަތް ކުރި އިރު އެ ބޯޓު ދިޔައީ ނިއު ދިއްލީން ޕަތުނާ އަށް ދަތުރުކުރަމުންނެވެ.
ގޯއެއާ އިން ނެރުނު ބަޔާނެއްގައި ބުނީ ޕަސިންޖަރު ދޮރު ހުޅުވަން އުޅުމުން އެހެން ޕަސިންޖަރަކު ވަނީ އެކަން ކްރޫންގެ ސަމާލު ކަމަށް ގެނެސްފައި ކަމަށެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ އުމުރުން 20 ގެ އަހަރުތަކުގެ އެ ޒުވާނާ އަކީ އަލަށް ފްލައިޓުން ދަތުރު ކުރި މީހެއް ކަމަށެވެ.
ބައެއް ޕަސިންޖަރުން ބުނީ ބޯޓުގެ ފަހަތު ދޮރު ހުޅުވަން އެ ޕަސިންޖަރު އުޅުނީ އެއީ ފާޚާނާ ކަމަށް ހީކޮށް ކަމަށެވެ. ގޯއެއާ އިން ބުނީ ބޯޓުގެ ދޮރު ނުހުޅުވުނީ ކެބިންގެ އެއާ ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
އެންމެ ފަހުގެ ހާދިސާ ހިނގާފައި މި ވަނީ ޖެޓް އެއާގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓް ކްރޫންނަށް ކެބިން އެއާ ޕްރެޝަރު ސްވިޗެއް އެޖަސްޓް ކުރަން ހަނދާން ނެތުމުން 30 އަށް ވުރެ ގިނަ ޕަސިންޖަރުންނަށް އަނިޔާވެފައި ވަނިކޮށެވެ. މުމްބާއީ އިން ޖައިޕޫރަށް ދަތުރުކުރި އެ ބޯޓުން 166 ޕަސިންޖަރުން ދަތުރުކުރި އެވެ.
އިންޑިއާގައި އަގު ހެޔޮ އެއާލައިންތައް ގިނަވުމުން ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ވަނީ ޕަސިންޖަރުންގެ އަދަދު ހަ ގުނަ އިތުރުވެފަ އެވެ.